ފަތިސް ނަމާދަށް ގަޑިއަށް ހޭލައި، ނަމާދުން ދުވަސް ފެށުމަށް އަޒުމްކަނޑައެޅުމަށް ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސް ކުރައްވައިފިއެވެ.
ރައީސް މިކަމަށް އިލްތިމާސްކުރެއްވީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިއަދު ހުޅުވި ޝަހީދު ޢަލީ ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ދިރާސީ އައު އަހަރުގެ ތަހުނިޔާ ރާއްޖޭގެ ހުރިހާ ދަރިވަރުންނަަށް ފޮނުއްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ހުރިހާ ކިޔަވާ ކުދިން އެކުދިންގެ ދުވަސް ފަށަނީ ގަޑިއަށް ފަތިސް ނަމާދުކޮށްގެންތޯ ކަށަވަރު ކުރުމަކީ މައިންބަފައިގެން ޒިއްމާއެއް ކަމަށް ދެކިވަޑައިގެން އެކަން ކަށަވަރުކުރެއްވުމަށް މައިންބަފައިންގެ ފަރާތުންވެސް އެދިވަޑައިގަންނަވާ ކަމަށެވެ.
އެގޮތުން ނަމާދަށް ފަރުވާތެރިވުމާއި، މައިންބަފައިންނަށް ކިޔަމަންތެރިވުމާއި ޓީޗަރުން ބުނާ ބަސް އަހާ، ތަޢުލީމީ ހަޔާތުގައި ސްކޫލްތަކުގެ ވެރިން އަންގާ މަގުން ކަންކަން ކުރުމުގެ މުހިއްމުކަން ފާހަގަކުރައްވައި ރައީސް މުޢިއްޒު ވިދާޅުވީ، އެމަގުން ކަންކަން ކުރުމުން ތުއްތު ކުދިންގެ މުސްތަޤްބަލަށް އަޅައިދޭ ބިންގަލަކީ ގުޑުވާނުލެވޭ ވަރުގެ ވަރުގަދަ ބިންގަލެއް ކަމުގައި ވާނެ ކަމަށެވެ.
”ދަރިވަރުން ކިޔަވައި ނިމިގެން ބޮޑެތިމީހުންނަށްވެ، ކުރިއަށްދާން ބަލާއިރު ބިންގާއޮތީ ރެނދުއަޅާ ބަލިކަށިކޮށް ކަމަށްވާނަމަ، ޙަޔާތުގައި ގެއްލުންތަކަކާ ކުރިމަތިލާން ޖެހިދާނެ. ސްކޫލްތަކަށް ދަރިވަރުން އަންނަނީ އެ ބިންގާ ވަރުގަދަކުރަން، އެކަން އެގޮތަށް ވުމަށް ނަފްސާނީ ގޮތުން ދަރިވަރުން ތައްޔާރުކޮށް މަގުދައްކައިދިނުމަކީ ޓީޗަރުންނާއި ބެލެނިވެރިންގެ ޒިއްމާއެއް. އަދި އެކަމަށް މަގުފަހިކޮށްދެއްވުމަށް ސަރުކާރުން މަސައްކަތްކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެން“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވަނީ، މުޖުތަމަޢުގައި އުޅޭ އެކިކަހަލަ ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުން ހިމެނޭގޮތަށް ”އިންކްލޫސިވް އެޑިޔުކޭޝަން“ އަކީ ސަރުކާރުގެ މުހިއްމު ސިޔާސަތެއްކަން ފާހަގަކުރައްވައި މިއަދު ހުޅުވި ޝަހީދު ޢަލީ ސްކޫލްގައިވެސް އެ ފެސިލިޓީ ޤާއިމްވެފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގެ އެހެން ސަރަޙައްދުތަކުގައިވެސް “އިންކްލޫސިވިޓީ“ އިތުރުކުރުމަށްޓަކައި ސަރުކާރުން މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަޤީންކަން ދެއްވައި، އެކަމަށް މިއަހަރު ޚާއްސަ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.



