ރާއްޖޭގެ ޝަރުއީ ދާއިރާއަށް މާލީ މިނިވަންކަން ކަށަވަރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވަރާ އެއްގޮތަށް ފިނޭންސް މިނިސްޓްރީން މިއަދު ’ޝަރުޢީ ދާއިރާގެ ގުޅުންހުރި މާލީ ކަންކަމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު‘ އެކުލަވާލާ ޝާއިއުކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މި އުސޫލަކީ ޢަދުލު އިންސާފުގެ ދާއިރާއަށް ދައުލަތުގެ ބަޖެޓުން ކަނޑައަޅާ ފައިސާ ރޭވުމާއި، ދޫކުރުމާއި، ބެލެހެއްޓުމުގެ އިތުރުން ރިޕޯޓްކުރުމަށްޓަކައި އެ ދާއިރާއަށް ޚާއްޞަ އޮނިގަނޑެއް އެކަށައެޅުމުގެ މަޤްޞަދުގައި އެކުލަވާލާފައިވާ އުސޫލެއް ކަމަށެވެ.
ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ދަށުން އެކުލަވާލާފައިވާ މި އުސޫލަކީ، ދައުލަތުގެ މާލިއްޔަތު ޤާނޫނުއާ އެއްގޮތްވާ ގޮތުގެ މަތިން، ދައުލަތުގެ މާލީ ނިޒާމުގެ ތެރޭގައި އެއް މިންގަނޑުތަކެއް ހިފެހެއްޓުމާއެކު، ޝަރުޢީ ދާއިރާގެ މަސައްކަތްތަކަށް ބޭނުންވާ ޚާއްޞަ އިންތިޒާމުތަކަށް މަގުފަހިކޮށްދޭ އުސޫލެކެވެ.
އެގޮތުން މި އުސޫލުގެ މައިގަނޑު އެއް ބަޔަކީ ބަޖެޓް ކަނޑައެޅުމާއި ބަޖެޓް ތަންފީޒުކުރުމުގައި ގެންގުޅޭނެ ވަކި މިންގަނޑުތަކެއް ތަޢާރަފުކުރުމެވެ.
މީގެ ތެރޭގައި ފައިސާ ދޫކުރުމާއި ޒިންމާދާރުކުރުވުމުގެ ހަރުދަނާ އުޞޫލުތަކެއް ހިމެނެއެވެ.
ކޮންމެ އަހަރަކު ވެސް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ދައުލަތުގެ ބަޖެޓުގައި ޝަރުޢީ ދާއިރާއަށް ބޭނުންވާ ފައިސާ ހިމަނާނެކަމަށް އެ އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
އަދި ކޮންމެ އަހަރެއް ފެށުމުގައި، ދައުލަތަށް ލިބޭނެކަމަށް އެ އަހަރަކު އަންދާޒާކުރާ އާމްދަނީގެ %2 އަށްވުރެ މަދުނޫން މިންވަރެއް ޝަރުޢީ ދާއިރާއަށް ކަނޑައަޅަންވާނެ ކަމަށްވެސް އެ އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
މާލީ މުޢާމަލާތްތައް ހަރުދަނާކޮށް ބެލެހެއްޓުމަށްޓަކައި، ޝަރުޢީ ދާއިރާއަށް ދެވޭ ޖުޑީޝަރީ ސެކްޓޯރަލް ގްރާންޓް އެހީ ލިބުމާއި، ބެލެހެއްޓުމާއި އަދި ޚަރަދުކުރަންވާނީ މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) ގައި ހުޅުވާފައިވާ ޚާއްޞަ އެކައުންޓެއް މެދުވެރިކޮށް ކަމަށާއި އެ އެކައުންޓުން ކުރެވޭ ހުރިހާ މުޢާމަލާތްތަކެއް ހިންގަންވާނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން، ދައުލަތުގެ ޕަބްލިކް އެކައުންޓިންގ ސިސްޓަމް މެދުވެރިކޮށް ކަމަށް އެ އުސޫލުގައި ބުނެފައި ވެއެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީ.ޖޭ.އޭ)އިން ޝަރުޢީ ދާއިރާގެ އެކުލެވިގެންވާ ބަޖެޓު ތައްޔާރުކޮށް، ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު 30 ގެ ކުރިން މިނިސްޓްރީއަށް ހުށަހަޅަންވާނެ ކަމަށާއި މި ބަޖެޓުގައި މެދު ރާސްތާގައި ލިބޭނެކަމަށް ލަފާކުރާ އާމްދަނީގެ ތަފުސީލު ހިމަނަންޖެހޭނެ ކަމަށާއި އަދި ބަޖެޓު ޑެފިސިޓް ވާނެކަމަށް ބެލެވޭނަމަ، އެކަމަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތުގެ ޕްލޭނެއް ހިމަނަންވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައި ވެއެވެ.
މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ، ބަޖެޓު ޑެފިސިޓްވާ ޙާލަތްތަކުގައި ޚަރަދުތައް ހުންނަންވާނީ ލިބޭނެކަމަށް ލަފާކުރާ ޖުމްލަ އާމްދަނީއާއި ބޭންކް ބެލެންސްއަށްވުރެ އިތުރުނުވާ މިންވަރެއްގައި ކަމެވެ.
ބަޖެޓު ހިންގުމާއި ބެލެހެއްޓުމުގެ އިޖުރާއަތުތައް ވެސް މި އުސޫލުގައި ބަޔާންކޮށްފައިވެއެވެ. މަޝްރޫޢުތަކަށް ފައިސާ ހޯދުމާއި ޚަރަދުތައް ބެލެހެއްޓުމުގެ ސިޔާސަތުތައް އެކަށައެޅުމުގެ ޒިންމާ އުފުލާނީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރެވެ. އަދި މާލީ ޒިންމާދާރު ވެރިޔާ އެ ސިޔާސަތުތަކާ އެއްގޮތަށް ބަޖެޓު ތަންފީޒުކުރުމުގެ ޒިންމާ އުފުލަންޖެހެއެވެ. ކަނޑައެޅިފައިވާ ބަޖެޓުން ބޭރުން ކޮންމެހެން ކުރަންޖެހޭ ޚަރަދެއް ކުރިމަތިވެއްޖެނަމަ، އެ ޚަރަދެއް ކުރުމުގެ ކުރިން ސަޕްލިމެންޓްރީ ބަޖެޓެއް ފާސްކުރަންޖެހެއެވެ. މިފަދަ ބަޖެޓެއްގެ ސަބަބުތަކާއި ތަފުސީލު މިނިސްޓްރީއަށް ހުށަހަޅައި، އާންމުކުރަން ޖެހޭނެއެވެ.
ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން އުސޫލުގައިވަނީ، ޝަރުޢީ ދާއިރާގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ) މަސައްކަތްތަކަށް ޚަރަދުކުރާނީ އެ ދާއިރާއަށް ދެވޭ ސެކްޓޯރަލް ގްރާންޓް އެހީގެ ތެރެއިން ކަމަށެވެ. ނަމަވެސް، ވަކި ޝަރުޠުތަކަކާއެކު ދައުލަތުން އިތުރު އެހީ ފޯރުކޮށްދިނުމުގެ ފުރުޞަތު އޮންނާނެއެވެ. މިފަދަ އެހީއެއް ދިނުމުގެ ކުރިން، ކަމާބެހޭ ސަރުކާރުގެ އިދާރާއަކާއި ޑީ.ޖޭ.އޭ އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރަންވާނެއެވެ. އަދި ދައުލަތުން ބޭރުގެ ފަރާތްތަކުން ލިބޭ އެހީގެ ތަފުސީލު ވެސް މާލީ މިނިސްޓްރީއަށް ހުށަހަޅަންޖެހެއެވެ.
މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ދިނުމުގައި ޕޭ ކޮމިޝަންގެ މިންގަނޑުތަކަށާއި، ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނަށާއި، އަދި ވަޒީފާއާބެހޭ ޤާނޫނަށް ޢަމަލުކުރަންޖެހެއެވެ. ވަގުތީ މުވައްޒަފުން ނެގޭނީ ވެސް މި މިންގަނޑުތަކުގެ ތެރެއިން، ބަޖެޓުގައި ފައިސާ ހުރިކަން މާލީ ޒިންމާދާރު ވެރިޔާ ކަށަވަރުކުރުމަށްފަހުގައެވެ. އަދި ކޮންމެ މަހަކު ކުރަންޖެހޭ މުހިންމު ޚަރަދުތައް ކަމަށްވާ ކުއްޔާއި، އަދި ބިލްތައް ފަދަ ކަންކަމަށް ފައިސާ ހުރިކަން ކަށަވަރުނުކޮށް އިތުރު ޚަރަދުތަކަކަށް ޒިންމާވެގެން ނުވާނެއެވެ.
މާލީ ގޮންޖެހުންތައް ކުޑަކުރުމުގެ ގޮތުން، ތަކެއްޗާއި ޚިދުމަތުގެ އަގު ހެޔޮކުރުމަށް އެއްވެސް ކަހަލަ ސަބްސިޑީއެއް ނުވަތަ އެހީއެއް ނުދެވޭނެކަމަށް މި އުސޫލުގައި ބަޔާންކޮށްފައިވެއެވެ. އަދި ބަދަލުގެ ގޮތުގައި ފައިސާ ދޭންޖެހޭ ޙާލަތްތަކުގައި، އެ ފައިސާ ދޫކުރެވޭނީ ކޯޓުގެ ނިހާއީ ޙުކުމަކަށްފަހު، ޝަރުޢީ ދާއިރާގެ ބަޖެޓުންނެވެ.
ދެފުށް ފެންނަ ގޮތަށް ކަންކަން ހިންގުމަށްޓަކައި، ކޮންމެ މަހަކު ކުރެވޭ ޚަރަދުތަކުގެ ތަފުސީލު ހިނގަމުންދާ މަސް ނިމުމުގެ ކުރިން އާންމުކުރަންޖެހެއެވެ. އަދި ބޭންކް އެކައުންޓާ ދިމާވާ ގޮތަށް ތައްޔާރުކުރާ އެމަހެއްގެ ޚަރަދުގެ ރިޕޯޓު، ޖެހިގެން އަންނަ މަހުގެ 15 ގެ ކުރިން ފިނޭންސް މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. ޝަރުޢީ ދާއިރާއަށް ސެކްޓޯރަލް ގްރާންޓް ދޫކުރެވޭނީ ދައުލަތުގެ ކޭޝްފްލޯއަށް ބަލައި، ކޮންމެ މަހަކު ނުވަތަ ކޮންމެ ކުއާޓަރަކު އެއްފަހަރު ކަމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.




