ފުޓްސަލްގެ ތާރީހުގައި ރާއްޖެއަށް ބައިނަލްއަގުވާމީ ގޮތުން ފަޚުރުވެރި ޗެމްޕިއަންކަން ހޯދައިދިން ގައުމީ ފުޓްސަލް ޓީމުގެ މެނޭޖަރު މުހައްމަދު އުމެއިރު، އޭނާއަށް ލިބުނު ކާމިޔާބީ އޭނާގެ ތިން އެކުވެރިއަކަށް ހާއްސަ ކޮށްފިއެވެ.
އުމެއިރުގެ އެ ތިން އެކުވެރިން މިހާރު ދުނިޔޭގައި ނެތްނަމަވެސް އެއީ އެއީ ދިވެހި ފުޓުބޯޅައިގައި އެބައެއްގެ ނަން އަބަދުވެސް ވިދާލާނެ ތިން ޝަހުސިއްޔަތެވެ.
އެ ތިން ޝަހުސިއްޔަތަކީ އުމެއިރުއާއެކު ގައުމީ ޓީމަށް ކުޅުނު ގޯލްކީޕަރު އިފްރާހު އަރީފް (އިފްރާ) އާއި ގައުމީ ޓީމާއި ކުލަބް ލެވެލްގައި އެއްކޮށް ކުޅުނު މުހައްމަދު އާރިފް (ބަކާ) ގެ އިތުރުން އުމެއިރުގެ ފުޓުބޯޅަ ކެރިއަރުގެ ފެށުމުގެ ތެރެއިން ބޮޑު އެހީތެރިކަމެއް ދިން އިހުސާން އަބްދުލް ގަނީ (ސާންތީ) އެވެ.
މީގެކުރިން އުމެއިރު ވަނީ 2008 ވަނަ އަހަރު ރާއްޖެއަށް ސާފް ޗެމްޕިއަންޝިޕް ހޯދައިދިން ޓީމުގައި ކުޅުންތެރިއެއްގެ ގޮތުގައި ބައިވެރިވެފައެވެ. ނަމަވެސް މިފަހަރު އޭނާ ގައުމީ ފުޓްސަލް ޓީމުގައި އޭނާ އަދާކުރީ މެނޭޖަރެއްގެ ދައުރެވެ.
ގައުމީ ފުޓްސަލް ޓީމުގެ މެނޭޖަރެއްގެ ގޮތުގައި މި މުބާރާތް ނިންމާލި އުމެއިރު، މި ކާމިޔާބީގެ ހާއްސަކަން ހިއްސާކޮށް ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ވަނީ މި ދުނިޔެއާ ވަކިވި ތިން މީހުންނަކީވެސް އޭނާގެ ކެރިއަރުގައި މުހިންމު ތިން މީހުންކަން ހާމަކޮށް، ލިބުނު ކާމިޔާބީ އެ ތިން މީހުންނަށް ހާއްސަ ކޮށްފައެވެ.
އިހުސާން އާއި އާރިފް އަދި އިފްރާހު ވެސް ވަރަށް ކައިރިކައިރީގައި ވަނީ ނިޔާވެފަ އެވެ. ފުރަތަމަ 2024ގައި ނިޔާވީ އުމެއިރާ އެކު ގައުމީ ޓީމުތަކަށް ކުޅުނު އާރިފް އެވެ. އެ އަހަރުގެ ހައްޖުގެ އަޅުކަމަށް ފަހު ރާއްޖެ ހަމަ އައުމާ އެކު ނިޔާވީ ވަރަށް ނުރައްކާތެރި ރޯގާއެއްގަ އެވެ.
ޖޫނިއަ ގައުމީ ޓީމުތަކާއި 2008ގެ ސާފް ޗެމްޕިއަންޝިޕް ރާއްޖެއިން ކާމިޔާބުކުރި އިރު ގައުމީ ޓީމުގައި ހިމެނުނު ތިން ވަނަ ކީޕަރު އިފްރާހު މިދިއަ އަހަރު ނިިޔާވީ ސްޓްރޯކެއް ޖެހިގެންނެވެ.
ސާފް ޗެމްޕިއަންޝިޕްގެ ތަށި ހޯދި ފުރަތަމަ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗު އަދި އެކި އުމުރު ފުރާތަކުގައި ވެސް އުމައިރުއަށް ފުޓްބޯޅައިގެ ހުނަރު ދަސްކޮށްދިން އިހުސާން މިދިއަ އަހަރު ނިޔާވީ ކެންސަރުގައި ދުވަސްތަކެއް ހޭދަކޮށްފައެވެ.
“ 16 އަހަރުން ދަށުގެ ގައުމީ ޓީމުގައި އަހަރެންގެ ފުރަތަމަ ޕްރޮފެޝަނަލް ކޯޗަކީ ސާންތީ ކޯޗު، އެންމެ މުހިންމު ވަގުތު އަހަރެންނަށް އިތުބާރުކޮށް، އަހަރެންގެ ދިރިއުޅުން ބަދަލުކޮށްލުމުގެ ފުރުސަތެއް ދިން، ސާންތި ކޯޗު ކޮށްދިން ހުރިހާ ކަމަކަށް އަހަރެން އަބަދުވެސް ޝުކުރުވެރިވާނަން. ބަކާ، ގައުމީ ޓީމާ އެކު އަދި ކްލަބްތަކުގައި ވެސް ވަރަށް އުފާވެރި ވަގުތުތަކެއް ހޭދަކުރީ. ތިޔައީ އަހަރެެންނާ ބައްދަލުވި އެންމެ ހިތްހެޔޮ މީހުންގެ ތެރެއިން އެކަކު، ޝުކުރިއްޔާ ހުރިހާ ހަނދާންތަކަކަށް.“ އެ ޕޯސްޓުގައި އުމެއިރު ބުނެފައިވެއެވެ.
އުމެއިރު ބުނީ މި ތިން މީހުންނަކީވެސް ރާއްޖެއަށް 2008 ގެ ސާފް ޗެމްޕިއަންޝިޕް ހޯދިއިރު ޓީމުގައި ތިބި މީހުން ކަމަށާއި އެއީ ކެރިއަރުގައި އުފާވެރި ހަނދާންތަކެއް ކަމަށެވެ. އަދި އަބަދުވެސް އެ ހަނދާންތައް އެކުގައިވާނެ ކަމަށެވެ.



