މި އަންނަ ރޯދަ މަހަށް ދިވެހި ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސްތައް އަތޮޅު ތެރެއަށް ފޮނުވުމުގެ މަސައްކަތް މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްއިން ފަށައިފިއެވެ.
މިނިސްޓްރީން ބުނީ އަތޮޅު ތެރެއަށް މަސްދަޅު ކޭސްތައް ފޮނުވުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ސްޓޭޓް ޓްރެޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) މެދުވެރިކޮށް ކަމަށެވެ.
ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް މާލެ ސަރަޙައްދުގައި މަސްދަޅު ކޭސްތައް ބަހަން ފަށާފައި ވަނީ މި މަހުގެ 24 ގައެވެ.
މި މަސައްކަތް ކުރިއަށް ދަނީ މިނިސްޓްރީއާ، ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ އިތުރުން ދިވެހި ސިފައިންނާ، ފުލުހުންގެ ވެސް އެހީތެރިކަމާއެކުއެވެ.
ދިވެހިރާއްޖޭގެ އަޑުން މިއަދު ހެނދުނު ގެނެސްދިން “އަދުގެ ރާއްޖެ“ ޕްރޮގްރާމްގައި ކައުންސިލް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލްއުސްތާޛު ޔޫސުފް ޢަބްދުލްޣަފޫރު ވިދާޅުވީ އިއްޔެއިން ފެށިގެން އަތޮޅު ތެރޭގެ ރަށްތަކަށް ރޯދަ ހަދިޔާގެ ގޮތުގައި ދޫކުރާ މަސްދަޅު ކޭސްތައް ފޮނުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
ޔޫސުފް ވިދާޅުވީ ބެހުމަށް ހަމަޖެހިފައިވާ މަސްދަޅު ކޭސްތައް، ބެހުމަށް ފަހިވާ ގޮތަށް މިހާރުވެސް ހުރީ އެކި ސަރަޙައްދުތަކުގައި ގުދަން ކުރެވިފައި ކަމަށެވެ.
އެ ތަންތަނުން ރަށްތަކަށް މަސްދަޅު ކޭސްތައް ބެހުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
“އިއްޔެއިން ފެށިގެން ބައެއް ރަށަށް ފޮނުވަން ފަށާފައިވަނީ. މިއަދާ އަދި މާދަމާ ވެސް މަސްދަޅު ކޭސްތައް ރަށްރަށަށް ފޮނުވާނެ“ ސްޓޭޓް މިނިސްޓަރު ޔޫސުފް ވިދާޅުވިއެވެ.
“މާދަމާ އިން ފެށީގެން އަތޮޅުތަކަށް ފުލްކޮށް ގެންދިޔުމުގެ މަސައްކަތް ފެށޭނެ“ ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.
ރަށްތަކުގައި ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެ ރަށެއްގެ ކައުންސިލުގެ ބެލުމުގެ ދަށުންނެވެ.
މި އަހަރު ރޯދަ ހަދިޔާ ބެހުމަށް އެކުލަވައިލި ގޭބިސީ ލިސްޓުގައިވާ ގޮތުން ރަށްރަށާއި ސިޓީތަކުގެ ގޭބިސީގެ ޖުމުލަ ޢަދަދަކީ 56,918 އެވެ. ޑޮމެސްޓިކް މީޓަރގެ ޢަދަދަކީ 61,755 އެވެ.
މި އަހަރުގެ ރޯދަ ހަދިޔާގެ ގޮތުގައި ޖުމުލަ 118,673 މަސްދަޅު ކޭސް ބަހާނެއެވެ.



