ރަމަޟާން މަހާ ދިމާކޮށް މާލޭ ވިޔަފާރި ބަނދަރަށް ބާރުބޮޑު ވެފައިވާ ކަމަށް އެމްޕީއެލް އިން ބުނެފިއެވެ.
އެމްޕީއެލް އިން މިއަދު ބުނީ ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް، މާލޭ ވިޔަފާރި ބަނދަރަށް އެއް ފަހަރާ ގިނަ އަދަދެއްގެ މުދާ އުފުލާ ބޯޓު ފަހަރު ކޯލްކޮށްފައިވާ ކަމަށެވެ.
އަދި މާލޭ ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަމާއެކު، މުދާ ބޭލުމުގައި ކޮންމެވެސް ވަރެއްގެ ދަތިކަމެއް ކުރިމަތިވެފައިވާ ކަމަށް އެމްޕީއެލް އިން ބުނެފައި ވެއެވެ.
އެމްޕީއެލް އިން ބުނީ މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން، މިއަދުގެ މެންދުރު 12:00 އާ ހަމައަށް މާލޭ ވިޔަފާރި ބަނދަރަށް ކޮންޓޭނަރ އުފުލާ 7 އުޅަނދު ކޯލްކޮށްފައިވާ ކަމަށާއި މި އުޅަނދު ފަހަރުން މާލޭ ވިޔަފާރި ބަނދަރަށް ބާލަން ޖުމްލަ 3،901 ޓީ.އީ.ޔޫ ހުރިއިރު، ލޯޑްކުރުމަށް ހުރީ ޖުމްލަ 2،700 ޓީ.އީ.ޔޫ ކަމަށެވެ.
އަދި މާލޭ ވިޔަފާރި ބަނދަރުން މުދާ ބޭލުމުގައި އުފެދިފައިވާ ބެކްލޮގް ފިލުވުމަށް އެމް.ޕީ.އެލްގެ އޮޕަރޭޝަންސްގެ ޓީމުތަކުން ކުރި ބުރަ މަސައްކަތުން، މިއަދުގެ 12:00 އާ ހަމައަށް ނުބޭލި ހުރީ 1،250 ޓީ.އީ.ޔޫ ކަމަށާއި ލޯޑްކުރަން ހުރީ 1،118 ޓީ.އީ.ޔޫ ކަމަށް އެމްޕީއެލް އިން ބުނެފައި ވެއެވެ.
ވިޔަފާރި ބަނދަރަށް މި މަހުގެ 12 އިން ފެށިގެން 27 ވަނަ ދުވަހުގެ 12:00 އާ ހަމައަށް ކޯލްކުރި އުޅަނދު ފަހަރުގެ ތެރެއިން މި ވަގުތު ހުސްނުކުރެވި އޮތީ ދެ އުޅަނދު ކަމަށްވެސް އެމްޕީއެލް އިން ބުނެފައި ވެއެވެ.
މާލޭ ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަމާ ގުޅިގެން، އެއް ފަހަރާ ގިނަ ބޯޓު ފަހަރު އަންނަ ކޮންމެ ދުވަސްވަރެއްގައިވެސް މުދާ ބޭލުމުގައި ކޮންމެވެސް ވަރެއްގެ ދަތިތަކެއް ކުރިމަތިވާ ކަމަށާއި އެހެން ނަމަވެސް، އެމް.ޕީ.އެލްގެ އޮޕަރޭޝަންސްގެ ޓީމުތަކުން ދަނީ ވީހާވެސް އަވަހަށް މުދާ ބޭލުމުގެ މަސައްކަތްތައް އިންތިޒާމްކުރުމަށް ކެނޑިނޭޅި މަސައްކަތްކުރަމުން ކަމަށް އެމްޕީއެލް އިން ބުނެފައި ވެއެވެ.
”އެމް.ޕީ.އެލްގެ މާލޭ ސަރަހައްދުގެ ކޮންޓޭނަރ ޓަރމިނަލްތައް (މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލެ ޓަރމިނަލް)ގެ ޖުމްލަ ކެޕޭސިޓީ އަކީ 2،750 ޓީ.އީ.ޔޫއެވެ. އެހެން ނަމަވެސް، މި ވަގުތުވެސް އެމް.ޕީ.އެލްގެ ޓަރމިނަލްތަކުގައި ޖުމްލަ 5،338 ޓީ.އީ.ޔޫ އެބަހުއްޓެވެ.“ އެމްޕީއެލް އިން ބުނެފައި ވެެއެވެ.
ބަނދަރަށް އަންނަ ކޮންޓޭނަރ ބޯޓު ފަހަރު ހިދުމަތް ފޯރުކޮށްދެމުންދާއިރު، ޕެރިޝަބަލް މުދާ ހިފައިގެން އަންނަ ބޯޓު ފަހަރުން މުދާ ބޭލުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް އެމްޕީއެލް އިން ބުނެފައި ވެއެވެ.
ކޮންޓޭނަރ އުލާ ބޯޓު ފަހަރާއި ޕެރިޝަބަލް މުދާ އުފުލާ ބޯޓު ފަހަރު ހިމެނޭ ގޮތަށް ޖުމްލަ 8 އުޅަނދު މި ވަގުތުވެސް މާލޭ ވިޔަފާރި ބަނދަރުގައި އެބައޮތެވެ.
މާލޭ ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަމާ ގުޅިގެން، މުދާ ބޭލުމުގައި ދިމާވާ ދަތިތަކާއެކުވެސް، ވިޔަފާރިވެރިންނާއި ޝިޕިން އޭޖެންޓުންނާއި ކްލިއަރިންގ އޭޖެންޓުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް އެ ކުންފުނިން ވަނީ ޝުކުރު އަދާކޮށްފައެވެ.
މީގެ އިތުރުން ޖާގައިގެ ދަތިކަމާ ގުޅިގެން ގޮންޖެހުންތައް ކުރިމަތިޔަސް، ވީހާވެސް އަވަހަށް މުދާ ބޭލުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް އެ ކުންފުނީގެ އޮޕަރޭޝަންސް ޓީމުތަކުން ކެނޑިނޭޅި މަސައްކަތްކުރަމުންދާނެ ކަމަށްވެސް ވަނީ ބުނެފައެވެ.



