ޙައްޖު މޫސުން ފިޔަވާ އަހަރުގެ ކޮންމެ ދުވަސްވަރެއްގައިވެސް އުމްރާ ކުރެވޭނެ ޕެކޭޖެއް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ތައާރަފްކޮށްފިއެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ މިއީ އަހަރުފެ ތެރޭގައި އަވަދިނެތި އުޅޭ ފަރާތްތަކަށް ލިބޭ ކުރު ޗުއްޓީއެއްގައި އުމްރާގެ މަތިވެރި އަޅުކަން އަދާކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ޕެކޭޖެއް ކަމަށެވެ.
އަދި މިއީ އަހަރުގެ ތެރޭގައި ލިބޭ ކުރު ޗުއްޓީއެއް ނުވަތަ އެނޫންވެސް ދުވަސްވަރެއްގައި އާއިލާއާއި އެކީ ނުވަތަ ރަހުމަތްތެރިންނާއެކީ ނުވަތަ ތިމާ އެކަނި އުމްރާކުރުމަށް ފަސޭހަ އިންތިޒާމުތަކާއެކު ހައްޖުކޯޕަރޭޝަނުން ތައާރަފްކުރި ޕެކޭޖެކެވެ.
މި ޕެކޭޖްގެ ދަށުން ދަތުރުކުރާނެ ދުވަސް އިހުތިޔާރުކުރާނީ އެ މީހަކު އަމިއްލައަށެވެ.
ހައްޖުކޯޕަރޭޝަނުން ބުނީ އެ މީހަކު އިހުތިޔާރުކުރާ ދުވަސްތަކެއްގައި މި އުމްރާ ކުރެވޭނެ ކަަމަށާއި މި ޕެކޭޖުގައި އުމްރާއަށް ފުރާނެ ދުވަހާއި، އެނބުރި އަންނަން ބޭނުންވާ ދުވަހާއި ބޭނުންވާ ފުލައިޓަކާއި، ހުންނަން ބޭނުންވާ ހޮޓަލާއި، ސައުދީގައި ދަތުރުކުރާނެ އުޅަނދާއި، ޒިޔާރަތްކުރަން ބޭނުންވާ ތަންތަން އަމިއްލަ އަށް އިހުތިޔާރު ކުރެވޭނެ ކަމަށެވެ.
އުމްރާގެ އަޅުކަމަށްފަހު ދުބާއީ ފަދަ ގައުމަކަށް ވިޔަފާރިކޮށްލަން ދާން ވިސާވެސް މި ޕެކޭޖުގެ ދަށުން ހަމަޖައްސައިދޭނެ ކަމަށާއި އުމްރާ ދަތުރުގެ ފެށުމާ ހަމައަށް ހުރިހާ އިރުޝާދެއް ހައްޖު ކޯޕަރޭޝަނުން ދޭނެ ކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެފައި ވެެއެވެ.
މީގެ އިތުރުން އެ ޕެކޭޖާ ގުޅޭ އިތުރު މައުލޫމާތު އެ ކުންފުނީގެ ނަންބަރު 1435 އަދި 7961012 އަށް ގުޅައިގެން ލިބޭނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފައި ވެެއެވެ.



