ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކްރެޑިޓް ކާޑުތަކުން ރާއްޖެއިން ބޭރުގައި މުއާމަލާތް ކުރުމަށް މަހަަކަށް ކަނޑައަޅާފައި އޮންނަ ލިމިޓް، ކުރިން އިއުލާނުކޮށްފައިވާ ގޮތަށް ދެ ގުނަ ބޮޑުކުރަން ނިންމައިފިއެވެ.
ބީއެމްއެލް އިން މިއަދު ބުނީ އެ ބޭންކުން ދޫކުރާ ކްރެޑިޓް ކާޑުތަކުގެ ތެރެއިން ތިން ކެޓަގަރީގެ ކާޑަކުން ލިމިޓް ބޮޑުކޮށްފައިވާ ކަމަށެވެ.
އެގޮތުން ބީއެމްއެލްގެ ކްލެސިކް، ގޯލްޑް އަދި ޕްލެޓިނަމް ކްރެޑިޓް ކާޑުގެ ލިމިޓް ވެސް ބޮޑުވާނެއެވެ.
އެ ކާޑުތަކުގެ ލިމިޓު ބޮޑުކުރަން ނިންމާފައި ވަނީ އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.
ކްލެޒިކް ކްރެޑިޓް ކާޑު 750 ޑޮލަރުން 1،400 ޑޮލަރަށް، އަދި ގޯލްޑް ކްރެޑިޓް ކާޑު 750 ޑޮލަރުން 1،500 ޑޮލަރަށް، ޕްލެޓިނަމް ކްރެޑިޓް ކާޑު 1،500 ޑޮލަރުން 3،000 ޑޮލަރަށް ބޮޑުވާނެ ކަމަށް ބީއެމްއެލް އިން ހާމަކުރެއެވެ.




