8،218 ދަރިވަރުންނާއެކު މި އަހަރުގެ އޯލެވެލް އިމްތިހާނު މިއަދު ފަށައިފިއެވެ.
އެ އިމްތިޙާނު މިއަދުން ފެށިގެން މި އަހަރުގެ މާރިޗު މަހުގެ 6ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެއެވެ. އެގޮތުން މި އިމްތިހާނު މިއަދު ފަށާފައިވަނީ އެސްއެސްސީ އިމްތިހާނާއެކުގައެވެ.
އަދި މި އިމްތިހާނުތައް ފަށާފައިވަނީ އެސްއެސްސީ އިމްތިހާނުގެ ދިވެހި މާއްދާއިންނެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ބުނީ އައިޖީސީއީ އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުގައި މި އަހަރު 8،218 ދަރިވަރަކު ބައިވެރިވާ ކަމަށެވެ.
އަދި މިފަހަރުގެ އިމްތިހާނު 267 ސެންޓަރެއްގައި ބާއްވާއިރު އޭގެތެރެއިން މާލޭގައި 21 ސެންޓަރެއްގައި އިމްތިހާނުތައް ކުރިއަށްދާނެއެވެ. މީގެ ތެރެއިން އަތޮޅުތެރޭގައި 246 ސެންޓަރެއްގައި އިމްތިހާންތައް ކުރިއަށްދާނެ ކަމަށްވެސް މިނިސްޓްރީން ބުނެފައި ވެއެވެ.
ސަރުކާރުން މިދިޔަ އަހަރު ވަނީ އޯލެވެލް އިމްތިހާނުގައި ބައިވެރިވާ ކުދިން މަޖުބޫރު ހަތަރު މާއްދާ ހަދަން ޖެހޭ ގޮތަށް ބަދަލުކޮށް އެ މާއްދާތަކަށް ސަރުކާރުން ފައިސާ ދައްކާ ގޮތަށް ނިންމާފައެވެ.
މަޖުބޫރު 4 މާއްދާއަކީ ދިވެއްސާއި އިސްލާމާއި އިނގިރޭސި އަދި ހިސާބު މާއްދާ އެވެ.



