އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް އިތުރު 10 ދުވަހުގެ މުއްދަތެއް ދޭން އެމްޑީޕީން އެދިއްޖެއެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ކެމްޕެއިން ތަރުޖަމާނު އަބްދުﷲ ވަހީދު ވިދާޅުވީ ކުށުގެ ރެކޯޑް ސާފުކުރުމުގައި ކަރެކްޝަނަލް ސާވިސް އާއި ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އިންތިހާއަށް ލަސްވަމުންދާ ކަމަށެވެ.
އެގޮތުން އެ ތަންތަނުން އިންތިހާބަށް ވާންޖެހޭ ތައްޔާރީތައް ވެފައި ނެތް ކަމަށް އެ ޕާޓީގެ ކެމްޕެއިން ތަރުޖަމާނު އަބްދުﷲ ވަހީދު ވިދާޅުވިއެވެ.
ކުށުގެ ރިކޯޑް ސާފުކުރުމަށް ދިމާވާ ލަސްތަކުގެ އިތުރުން، އީފާސް މެދުވެރިކޮށް އިލެކްޝަން ކޮމިޝަނަށް ހުށަހެޅުމުގައިވެސް ދަތިތަކާ ކުރިމަތިވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭގެ ސަބަބުން ފޯމު ރިޖެކްޓްވެ، ކަނޑައެޅިފައިވާ މުއްދަތުގައި ފޯމު ހުށަހަޅަން ދަތިވާކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އީފާސް މެދުވެރިކޮށް ހުށަހަޅާއިރުގައި މައްސަލައެއް ދިމާވެއްޖެނަމަ އެ ފޯމް ރިޖެކްޓްވެއްޖެ ކަމަށް އަންގާކަމަށެވެ.
އިންތިޚާބަށް ވާދަކުރަން ފޯމު ހުށަހަޅަން ދީފައިވަނީ ވަރަށް ކުރު މުއްދަތެއް ކަމަށްވެފައި އެ މުއްދަތުގައި އޮންލައިންކޮށް ފޯމު ހުށަހެޅޭގޮތަށް އޮތުމަކީ ގިނަ ކެންޑިޑޭޓުން ތަކެއްގެ އިންތިޚާބީ ހައްގު ނިގުޅައިގަނެވޭނެ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
”އަޅުގަނޑުމެން ވަރަށް އިޚްލާސްތެރި ކަމާއެކު އިލެކްޝަނަށް ދަންނަވަން އޮތީ، އިންތިހާބަށް ކުރިމަތިލުމަށްޓަކައި، އިލެކްޝަންގެ ފަރާތުން އިތުރު 10 ދުވަހުގެ މުއްދަތެއް ދިނުމަށް. “ އެ ޕާޓީގެ ކެމްޕެއިން ތަރުޖަމާނު އަބްދުﷲ ވަހީދު ވިދާޅުވިއެވެ.


