”ރަހަފަތް“ މައުރަޒުން ރޯދަ މަހަށް ދިވެހިން ޒަމާނުއްސުރެ ތައްޔާރުކުރާ ކާނާ ލިބެން ހުންނާނެ ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢާއިޝަތު ޒުހުރުބާން ވިދާޅުވެއްޖެއެވެ.
”ރަހަފަތް“ މައުރަޒު ބާއްވަނީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ މިނިސްޓްރީއާއި، ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓްރީ ގުޅިގެންނެވެ.
އެ މައުރަޒު ކުރިއަށް ދިއުމަށް ހަމަޖެހިފައިވަނީ ފެބްރުވަރީ 3 އިން 7 ވަނަ ދުވަހަށް މާލެ އިސްރަށްވެހިންގެ ނާދީގައެވެ.
އިސްރަށްވެހީންގެ ނާދީގެ މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމްގެ ”ރާއްޖެ މިއަދު“ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރު ޒުހުރުބާން ވިދާޅުވީ އިސްރަށްވެހިންނަށް ޚާއްސަކޮށްގެން ބާއްވާ ’ރަހަފަތް‘ މައުރަޒަކީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ރަމަޟާން މަހާއި ގުޅިގެން ޒަމާނުއްސުރެން ތައްޔާރުކުރާ އެކި ކާނާގެ ބާވަތްތައް އެއްތަނަކުން ލިބޭނެ މަގު ފަހިކޮށްދިނުމުގެ މަޤުސަދުގައި ކުރިއަށްގެންދެވޭ މައުރަޒެއް ކަމުގައެވެ.
”ރަހަފަތް – އިސްވާރުންގެ ކާބޯތަކެތީގެ މައުރަޒު“ އަކީ 50 އަހަރުން މަތީގެ އިސްރަށްވެހީންނަށް ހާއްސަކޮށް ކުރިއަށް ގެންދާ މައުރަޒެއް ކަމަށާއި މި މައުރަޒަކީ ދިވެހިން ކުރީޒަމާނުއްސުރެން ތައްޔާރުކުރަމުން އަންނަ ކާބޯތަކެއްޗަށް ހާއްސަކުރެވިގެން ކުރިއަށް ގެންދެވޭ މައުރަޒެއްކަމުގައި ޒުހުރުބާން ވަނީ ވިދާޅުވެފައެވެ.
އިސްރަށްވެހިންނަކީ ވަރަށް އުފެއްދުންތެރި ބައެއްކަމަށާއި މި މައުރަޒުގެ ތެރެއިން، އިސްރަށްވެހިންގެ އުފެއްދުންތައް ބާޒާރަށް ނެރެ އޭގެ ނަފާ ލިބޭނެ މުހިންމު ދޮރެއް އިސްރަށްވެހީންނަށް ހުޅުވިގެންދާނެކަމުގައި ޒުހުރުބާން ވިދާޅުވިއެވެ.
މި މައުރަޒުގައި އިސްރަށްވެހީން އުފައްދާ ގިނަ ދުވަހަށް ބޭނުންކުރެވޭނެ ތަކެތި ބައިވެރިކުރާނެއެވެ. އެގޮތުން ހަވާދާއި ސަމްބޯލާއި އަސާރަ އަދި ރިހާކުރު، މަސްމިރުސް ތެލުލި ފަތް ކަހަލަ ތަކެތި ލިބެން ހުންނާނެއެވެ. މި ތަކެއްޗަކީ އިސްރަށްވެހީން އަމިއްލައަށް އުފައްދާ ތަކެތި ކަމުގައި ވެސް ޒުހުރުބާން ވަނީ ފާހަގަކުރައްވާފައެވެ.
އާއިލީ ތަރައްގީއާ ބެހޭ މިނިސްޓްރީން ބުނީ އެ މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު އިއްޔެގެ ނިޔަލަށް ހަމަވެފައިވާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުން އިސްރަށްވެހީން ވަނީ މައުރަޒުގައި ބައިވެރިވެފައިވެއެވެ.



