ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ ފޯމު އޮންލައިންކޮށް ހުށަހެޅޭނެ ވަގުތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިތުރުކޮށްފިއެވެ.
އީސީން މިއަދު ބުނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އަށް ފޯމު ހުށަހެޅުމުގެ ވަގުތު ވަނީ 2 ގަޑިއިރަށް އިތުރުކޮށްފައި ކަމަށެވެ.
އަދި މި ބަދަލަށް އަމަލުކުރަން ފަށާނީ މިއަދުން ފެށިގެން ކަމަށް އީސީން ބުނެފައި ވެއެވެ.
އަދި މި ފުރުޞަތު 2026 ފެބުރުވަރީ 1 ވާ އާދިއްތަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށްވެސް އީސީން ބުނެފައިވެއެވެ.
އެގޮތުން މިއަދުން ފެށިގެން، 2026 ފެބުރުވަރީ 1 ވާ އާދިއްތަ ދުވަހުގެ ނިޔަލަށް، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:30 އިން ހަވީރު 05:30 އަށް އަދި ހުކުރު ދުވަހު މެންދުރުފަހު 03:30 އިން ރޭގަނޑު 08:00 އަށް އެ މުއްދަތު ވަނީ އިތުރުކޮށްފައެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އަށް ކުރިމަތިލުމަށް މިހާތަނަށް 2591 ފޯމު ވަނީ އީސީއަށް ހުށަހަޅާފައެވެ.




