ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ އަބްދުއްރަހީމް (އަދުރޭ) އަނެއްކާވެސް މާނަފުން ޅެމެއް މީސްމީޑިއާއަށް ދޫކޮށްލައިފިއެވެ.
މިފަހަރުގެ ޅެން ފަށަމުން އަދުރޭ އެއްސެވީ ”ހަން ނޮޅާ މަސް ކަނީ އޭ އަޚާ ކީއްވެހޭ؟“ އެވެ. މި ސުވާލު އަދުރޭ ނިސްބަތް ކުރެއްވީ ކާކަށް ކަމެއް ސާފެއް ނުވެއެވެ.
ޅެމުގައި އަދުރޭ އިތުރަށް ސުވާލު ކުރެއްވީ ”ކަން ކަމާ ތިޔަވަރަށް ދަހިލަވާން ވާނެ ތޯ“ އެވެ.

އަދުރޭގެ މި މާނަފުން ޅެމުން ކޮންމެވެސް ވަރަކަށް ދޭހަވަނީ ކޮންމެސް ފަރާތަކުން އަދުރޭގެ ”މަސް ކައިގެން“ ބާރު ހޯދަން މަސައްކަތް ކުރަމުންދާ ކަމެވެ. އަދި ”ކާހިނުން ގެންނަ ފަދަ ހަބަރުތައް“ ހިފައިގެން ”ސާހިބުނަންނަށް“ ވާން ބަޔަކު މަސައްކަތް ކުރާ ކަމަށް އަދުރޭގެ މި ޅެމުގައި ބުނެފައިވެއެވެ.
ސިޔާސީ ވާދަވެރިއަކަށް އަމާޒުކޮށް އަދުރޭ ދޫކޮށްލާފައިވާ މި ޅެމުގެ ފަހު ބައިތުގައި ބުނެފައިވަނީ ތަޤުދީރުގައި ނެތް ކަމެއް ނުހޯދޭނެ ކަމަށެވެ.
އަދުރޭ އަކީ މި ސަރުކާރުގައި ނުފޫޒު ގަދަ ފަރާތެކެވެ. ރައީސް އޮފީހުގެ މިނިސްޓަރު ކަމުގެ އިތުރުން ވެރިކަން ކުރާ ޕީއެންސީގެ ޗެއާޕާސަން ކަންވެސް ކުރައްވާ އަދުރޭ ގެ ސިޔާސީ ގިނަ ވާދަވެރިން ތިބޭނެ ކަމާއިމެދު ޝައްކެއް ނެތެވެ. މިފަދަ ނުފޫޒުގަދަ މަޤާމެއްގައި ހުންނަ ފަރާތަކާއި ދެކޮޅަށް ސިޔާސީ އަދުއްވުން ކެނޑިނޭޅި މަސައްކަތް ކުރާނެއެވެ. އަދި އަދުރޭގެ ބާރު ކަނޑުވާލާ އެ މަނިކުފާނު ހުންނެވި މަޤާމަށް އައުމަށް އެފަރާތްތަކުން ބޭނުންވާނެއެވެ. ފަހަރުގައި އަދުރޭގެ މި ޅެމަކީ އެފަދަ ފަރާތަކަށް ރައްދުކޮށްފައިވާ މެސެޖަކަށް ވުން އެކަށީގެންވެއެވެ.




1 Comment
މިއީ މޭންއެއް ހުވާ