ޤަވައިދާ ޚިލާފަށް ވިޔަފާރިކުރަމުންދިޔަ 15 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން މިއަދު ބުނީ ދިވެހި ފުލުހުންގެ ޚިދުމަތާއި، މޯލްޑިވްސް އިމިގްރޭޝަން އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގުޅިގެން އިއްޔެ މާލޭގައި ކުރިއަށް ގެންދިޔަ ޖޮއިންޓް އިންސްޕެކްޝަނެއްގައި، ބިދޭސީން ދިރިއުޅޭ ދެ ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އަދި އެ އިންސްޕެކްޝަނުގެ ތެރެއިން، ބަލައި ފާސްކުރި އެއް ތަނަކީ އެއްވެސް ހުއްދައެއް ނެތި ވިޔަފާރި އުސޫލުން ރޮށި ފިހެ ވިއްކަމުންދިޔަ ތަނެއްކަން ފާހަގަކުރެވިގެން އެ މަސައްކަތް ހުއްޓުވާފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
އަދި ދެވަނައަށް ބަންދުކުރި ތަނުގައި ގަވާއިދާ ހިލާފަށް ފިހާރައެއް ހިންގައި، މުދާ ވިއްކަމުންދިޔަކަމަށް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
”އިކޮނޮމިކް މިނިސްޓްރީން މި ދެ ތަން މިހާރު ބަންދުކޮށްފައިވާއިރު، މި ދެ އިންސްޕެކްޝަނަށްފަހު ޖުމްލަ 15 ބިދޭސީ ފިރިހެނުން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި“ ފުލުހުން ބުނެފައިވެއެވެ.
ޤަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރި ކުރަމުންދާ މައްސަލަ ޙައްލު ކުރުމަށް، ”ނެޝަނަލް ޓާސްކްފޯރސް އޮން ކޮމްބެޓިންގ އިލީގަލް އެކްސްޕެޓްރިއޭޓް އޮޕަރޭޝަންސް އެންޑް ބިޒްނަސަސް“ގެ ނަމުގައި ޚާއްސަ ޓާސްކްފޯހެއް ވަނީ އެކުލަވާލާފައެވެ.
މޯލްޑިވްސް އިމިގްރޭޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެންދަނީ ޤަވާއިދާ ޚިލާފަށް އުޅެމުންދާ އަދި ވިޔަފާރިކުރަމުންދާ ބިދޭސީން ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ރާއްޖޭގެ ޤާނޫނުތަކާއި ޚިލާފަށް ވިޔަފާރިތަކުގެ ތެރޭގައްޔާއި އެހެނިހެން ކަންކަމުގައި ޙަރަކާތްތެރިވަމުންދާ ބިދޭސީންނަށް އިތުރު ފުރުސަތެއް ދިނުމެއް ނެތި ޑީޕޯޓުކުރުމުގެ މަސައްކަތް ގެންދަނީ ކުރަމުންނެވެ.




