މި އަހަރުގެ ރަމަޟާން މަހަށް ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސްތަކުގެ ތެރެއިން މިހާތަނަށް 19،468 އަށްވުރެ ގިނަ މަސްދަޅު ކޭސް ގޭބިސީތަކަށް ދޫކޮށްފިއެވެ.
މިކަންހާމަކުރައްވާފައި ވަނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާބެހޭ މިނިސްޓަރު ދެންމެ ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން މިނިސްޓަރު ވިދާޅުވީ މާލޭގައި ރޯދަ ހަދިޔާ ބަހަން ފެށިފަހުން މިވީ 5 ދުވަހުގެ ތެރޭގައި 19,468 މަސްދަޅު ކޭސް ބަހާފައިވާ ކަމަށެވެ.
”މި މަސައްކަތުގައި އުޅުއްވާ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން.“ މިނިސްޓަރުގެ ޕޯސްޓުގައި ވިދާޅުވިއެވެ.
ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ރޯދަ ހަދިޔާގެ ގޮތުގައި ގޭބީސީތަކަށް މަސްދަޅު ކޭސްތައް ބެހުމުގެ މަސައްކަތް ކުރަނީ ސިޓީތަކާއި އިދާރީ ދާއިރާތަކާއި ޢާންމު މަސައްކަތްތަކާއި ބެހޭ މިނިސްޓްރީގެ ބެލުމުގެ ދަށުން، ކައުންސިލްތަކާއި ޤައުމީ ދިފާޢީ ބާރާއި އެކި އިދާރާތައް ގުޅިގެންނެވެ.
މާލެ ސަރަޙައްދުގައި ގޭބިސީތަކަށް މަސްދަޅު ކޭސްތައް ބެހުމުގެ މަސައްކަތް ކުރިއަށް ދާނީ، ކޮންމެ ރެއަކު 20:30 އިން ފެށިގެން 23:00 އަށެވެ. މާލެ ސަރަޙައްދުގައި މަސްދަޅު ކޭސް ބަހަން ފަށާފައި ވަނީ މި މަހުގެ 24 ވަނަ ދުވަހުއެވެ.
ރަށްތަކުގައި ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެ ރަށެއްގެ ކައުންސިލުގެ ބެލުމުގެ ދަށުންނެވެ. މި އަހަރު ރޯދަ ހަދިޔާ ބެހުމަށް އެކުލަވައިލި ގޭބިސީ ލިސްޓުގައިވާ ގޮތުން ރަށްރަށާއި ސިޓީތަކުގެ ގޭބިސީގެ ޖުމުލަ ޢަދަދަކީ 56,918 އެވެ. ޑޮމެސްޓިކް މީޓަރުގެ ޢަދަދަކީ 61,755 އެވެ.
މި އަހަރުގެ ރޯދަ ހަދިޔާގެ ގޮތުގައި ޖުމުލަ 118,673 މަސްދަޅު ކޭސް ބަހާނެއެވެ.




