މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް ބާއްވަން ނިންމައިފި އެވެ.
އެމްއޭސީއެލުން ބުނީ އެ ކޭމްޕަކީ މޯލްޑިވްސް ބްލަޑް ސާވިސް (އެމްބީއެސް)އަށް ލޭ ހަދިޔާކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.
ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ އެ ކޭމްޕް އޮންނާނީ އަންނަ ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހު ކަމަށް އެމްއޭސީއެލުން ބުނެފައި ވެއެވެ.
މި ޕްރޮގްރާމް ކުރިއަށް ދަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެއާޕޯޓް ރެކްރިއޭޝަން ސެންޓަރު (އޭއާރުސީ) ގައެވެ.
”ކޮންމެ އަހަރަކު ވެސް އެމްއޭސީއެލްގެ ސްޓާފުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމް މި އަހަރު ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ އެއާޕޯޓުގައި މަސައްކަތްކުރާ ދައުލަތުގެ އިދާރާތަކާއި މުއައްސަސާތަކާއި ކުންފުނިތަކުގެ އިތުރުން ރިސޯޓް މުވައްޒަފުންނަށް ވެސް ހުޅުވާލައިގެން.“ އެމްއޭސީއެލުން ބުނެފައި ވެއެވެ.
އެމްއޭސީއެލް އިން ބުނީ ލޭ ހަދިޔާ ކުރުމުގެ މި ކޭމްޕް ބޭއްވުމުގެ މަގުސަދަކީ ލޭ ލިބުން ދަތިވެ، އެމްބީއެސް އިން އާންމުންގެ އެހީތެރިކަމަށް އެދިފައިވާތީއާއެކު ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހު ލޭ ލިބުން ދަތިވާތީ އެކަމަށް އެހީތެރިވުމުގެ ގޮތުން ކަމަށެވެ.
މި ޕްރޮގްރާމްގައި ބައިވެރިވެ ލޭ ހަދިޔާކުރަން ބޭނުންވާ ފަރާތްތަކުން https://tinyurl.com/46y3p7m7 މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ ކަމަށް އެމްއޭސީއެލް އިން ހާމަކުރެއެވެ.



