ތ. ވިލުފުށީގައި އެއާޕޯޓެއް ތަރައްޤީކުރުމަށް ބޭނުންވާ ބިމުގެ 61 ހެކްޓަރު ހިއްކާފައިވާ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ބުނެފިއެވެ.
ވިލުފުށީގައި ތަރައްގީކުރަން ނިންމާފައިވާ އެއާޕޯޓަކީ 1800 މީޓަރުގެ ރަންވޭއަކާއެކު ތަރައްޤީކުރާ އެއަރޕޯޓެކެވެ.
އެ އެއާޕޯޓު ތަރައްގީ ކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 2025 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 14 ވަނަ ދުވަހުއެވެ.
އެގޮތުން މި މަޝްރުޢޫގެ ދަށުން ބިން ހިއްކުމުގެ 80 އިންސައްތަ ނިމިފައިވާ ކަމަށް އެމްއޭސީއެލްއިން މިއަދު ވަނީ ބުނެފައެވެ.
އަދި މިއީ ހިއްކުމަށް ކަނޑައެޅިފައިވާ 81 ހެކްޓަރުގެ ބިމުގެ ތެރެއިން61 ހެކްޓަރުގެ ބިން ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.
މި މަސައްކަތް ކުރަނީ ކެޕޭސީޓީގައި 11،300 ކިއުބިކް މީޓަރ ހުރި ފިލިއްޕޯ ބްރޫނެލްޝީ ނަމަކަށް ކިޔާ ޑްރެޖަރެއް ބޭނުންކޮށްގެންނެވެ.
ވިލުފުށީ އެއަރޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް 2 އަހަރާއި 6 މަސް ދުވަހުގެ ތެރޭގައި ނިންމަން ވަނީ ހަމަޖެހިފައެވެ. އެމްއޭސީއެލުން ބުނީ އެ މަޝްރޫޢުގެ މަސައްކަތް ތާވަލާއި އެއްގޮތަށް ކުރިއަށްދާ ކަމަށެވެ.
އެ މަޝްރޫޢުގެ ދަށުން ރަންވޭއާއި ޓަމިނަލް ބިލްޑިން ފަޔަރ ބިލްޑިން އަދި އެނޫންވެސް އެއަރޕޯޓަކަށް ބޭނުންވާ ހުރިހާ ވަސީލަތެއް ފުރިހަމަކޮށް ޤާއިމްކުރާނެއެވެ.



