ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށް ބާއްވާގޮތަށް ޤާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހާ ގުޅޭގޮތުން ސިޔާސީ ޕާޓީތަކުގެ ޚިޔާލު ހޯދަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމައިފިއެވެ.
އެގޮތަށް ނިންމާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލު ދިރާސާކުރުމަށް މިއަދު ބޭއްވި ބައްދަލުވުމުގައެވެ.
ދެ އިންތިޚާބު އެކުގައި ބޭއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ މުއްދަތަށް ބަދަލު ގެނައުމުގެ ބިލެއް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ މި މަހުގެ 6 ވަނަ ދުވަހުއެވެ.
އެގޮތުން އެ ބިލާ ގުޅޭގޮތުން މަޝްވަރާކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢު ވިދާޅުވީ، ރާއްޖޭގައި މަލްޓި-ޕާޓީ ނިޒާމެއް އޮތުމާއެކު، އިންތިޚާބުތަކަށް ބޮޑު ބަދަލެއް ގެންނައިރު ޕާޓީތަކުގެ ބަސް ހޯދުން މުހިންމު ކަމަށެވެ.
މީގެ އިތުރުން ޝުޖާއު ވިދާޅުވީ، އިންތިޚާބުތައް ބޭއްވުމުގެ ޤާނޫނީ ޒިންމާ އުފުލަނީ އިލެކްޝަންސް ކޮމިޝަނުން ކަމަށްވާތީ، ޤާނޫނީ ގޮތުން ހުރި ކަންކަމާ މަޝްވަރާ ކުރަން ބޭނުންވާ ކަމަށެވެ. ހަމައެހެންމެ އެ ބިލާ ގުޅޭގޮތުން ސިޔާސީ ޕާޓީތަކާއި، އިލެކްޝަންސް ކޮމިޝަނުގެ އިތުރުން، ބަންޑާރަ ނައިބުގެ އޮފީހުގެ ބޭފުޅުންނާ ބައްދަލުކުރުމަށް ބޭނުންވާ ކަމަށް ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ އަންނަ ހޯމަ ދުވަހު އެ ބޭފުޅުންނާއި ބައްދަލުކުރައްވަން ބޭނުންވާ ކަމަށެވެ.
ޝުޖާޢުގެ މި ހުށަހެޅުން ވަނީ އެ ކޮމިޓީގަައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައެވެ.
މީގެ އިތުރުން ކޮމިޓީގެ މުގައްރިރު، މާފުށީ ދާއިރާގެ މެންބަރު ޙުސައިން ރިޟާ އާދަމް ވިދާޅުވީ، މި ބިލަށް ޚިޔާލު ހޯދުމަށް ހުޅުވާލި ފުރުޞަތުގައި އާންމުންގެ ފަރާތުން ގިނަ ޚިޔާލުތަކެއް ލިބިފައިވާ ކަމަށެވެ.



