އެސްޖޭ ކުންފުނިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަމުން އަންނަ މިސްކިތުގެ މަސައްކަތް ނުނިމި ދިގުލައިގެން ދަނީ އެތަނުގެ ކުރެހުންތަކަކަށް އިސްލާމިކް މިނިސްޓްރީން ”އެޕްރޫވަލް ނުލިބިގެން“ ކަމަށާއި އެ ތަން އިމާރާތް ކުރުމަށް ވެފައިވާ އެއްބަސްވުމުގެ މުއްދަތު ވެސް ހަމަވެފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެސްޖޭ އިން މިހެން ބުނެފައިވަނީ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް މިދިޔަ އަންގާރަ ދުވަހު ފޮނުވި ސިޓީއެއްގައެވެ.
އެގޮތުން އެސްޖޭގެ ޑިރެކްޓަރު ޝިހާދު އިބްރާހިމް ސޮއިކުރައްވައި ފޮނުވި އެ ސިޓީ ފޮނުވަން ޖެހުނީ، އޭނާ އަށް މިނިސްޓަރު ޝަހީމް ފޮނުއްވި މެސެޖެއްގެ މައްސަލައިގައި ކަމަށް އޭގައި ބަޔާން ކޮށްފައިވެއެވެ.
އިސްލާމިކް މިނިސްޓަރަށް ތުހުމަތުކޮށް އެ ސިޓީގައި ބުނެފައިވަނީ، ވަޓްސްއެޕުން ފޮނުއްވި އެ މެސެޖުގައި ”30 މިލިއަން ރުފިޔާ ކާލައިގެން އަމިއްލަ ވިޔަފާރި ތިކުރަނީ“ ކަމަށް މިނިސްޓަރ ޝަހީމް ވިދާޅުވި ކަމަށެވެ. އަދި އެސްޖޭއިން ރިސޯޓެއް ތަރައްގީކުރާ ވާހަކަ ނޫހެއްގައި ލިޔެފައި އޮތުމުން އޭގެ ސްކްރީންޝޮޓެއް ފޮނުއްވައި ”މިސްކިތް ނުނިންމާ ކުރާ ކަންތައް މިއީ“ ކަމަށް ވިދާޅުވެފައިވާ ކަމަށް ވެސް ސިޓީގައި ބުނެފައިވެއެވެ.
އެސްޖޭގެ ސިޓީގައި ބުނެފައިވަނީ، މިސްކިތް އިމާރާތްކުރުމުގެ އެއްބަސްވުން ލިޔެ ތައްޔާރުކުރާނެ ފަންނީ މުވައްޒަފެއް މިނިސްޓްރީގައި ނެތުމުން އެ މިނިސްޓްރީން އެދުނީ ކުންފުނިން އެކަން ކޮށްދިނުމަށް ކަމަށާއި އެހެންކަމުން އެ މަސައްކަތް ވެސް ކުރީ ކުންފުނިން ކަމަށެވެ. އަދި މިނިސްޓްރީން ބޭނުންވީ ޝިހާދު ތައްޔާރުކުރި އެއްބަސްވުން އެ އޮތްގޮތަށް ސޮއިކުރަން ކަމަށާއި އެކަމަކު އެޓާނީ ޖެނެރަލްގެ ލަފާ ލިބިގެން ނޫން ގޮތަކަށް އެ އެއްބަސްވުމުގައި ސޮއިކުރަން ކުންފުނިން އިންކާރުކުރި ކަމަށް ޝިހާދު ވިދާޅުވެފައިވެއެވެ.
ސިޓީގައި ޝިހާދު ވިދާޅުވީ އެއްބަސްވުމުގެ ބައެއްގެ ގޮތުގައި މިނިސްޓްރީން ތައްޔާރުކޮށްފައިވާ ސްޓްރަކްޗަރަލް އަދި އާކިޓެކްޗަރަލް ކުރެހުންތަކެއް ވެސް ހިމަނާފައިވާ ކަމަށާއި ކުރެހުމުން މަދުވާ ބައިތައް ފޯރުކޮށްދިނުމާއި އައިބުތައް ފިލުވުމާއި ގެންނަން ޖެހޭ ބަދަލުތައް ގެނައުމަކީ މިނިސްޓްރީގެ ޒިންމާއެއް ކަމަށެވެ.
ޝިހާދު ވިދާޅުވެފައިވާ ގޮތުގައި، އެ މިސްކިތަކީ ރާއްޖޭގައި އާންމުކޮށް ބިނާކުރާ މިސްކިތްތަކާ ތަފާތުކޮށް ގޯތީގެ އެއްބައިގައި އިމާ ޖައްސައިގެން، މިސްކިތާ ގުޅިގެންދާ ގޮތަށް ކޮންކްރިޓް އާޗްތަކަކުން ހަދާފައިވާ ކޯޓްޔާޑެއް ހިމެނޭ ގޮތަށް ޑިޒައިންކުރާ ތަނެކެވެ.
އެ ސިޓީގައި ފާހަގަކޮށްފައިވާ އިތުރު ކަންކަން:
° މިނިސްޓްރީގައި ފަންނީ މަސައްކަތް ކުރެވޭނެ ފެންވަރުގެ މުވައްޒަފުން ނެތް ނަމަ ހިލޭ ސާބަހަށް އެކަން ކޮށްދޭން ތައްޔާރަށް އޮތް ކަމަށް.
° އެ މިސްކިތަކީ ދައުލަތުން ދާރުލް ޒިކްރާ އިމާރާތް (މާލޭގެ ޒިކުރާ މިސްކިތް) އަޅަން ހެދި އެއްބަސްވުމުގެ ދަށުން ދޫކޮށްފައިވާ އިކްއިޓީ ފައިސާ އާއި ކުންފުނީގެ ސީއެސްއާރު ފަންޑުން ހަރަދުކޮށްގެން ހިންގާ ޕްރޮޖެކްޓެއް. ޕްރޮޖެކްޓްގެ ހަމަ އަގަކީ 70 މިލިޔަން ރުފިޔާ.
° 2024 ވަނަ އަހަރު އެސްޖޭގެ އޮޑިޓް ރިޕޯޓުގައިވާގޮތުން ދާރުލް ޒިކްރާ އިމާރާތް ކުރުމަށް ވެވުނު އެއްބަސްވުމުގެ ދަށުން ދޫކޮށްފައިވާ އިކްއިޓީ ފައިސާއަށްވުރެ ބޮޑު ހަރަދެއް އެތަނަށް ހިނގާފައިވޭ.
° ”30 މިލިއަން ރުފިޔާ ކާލައިގެން ކުރީ އަމިއްލަ ވިޔަފާރި“ ކަމަށް މިނިސްޓަރު ވިދާޅުވާ ނަމަ، އެކަން ސާބިތުކޮށްދިނުމަށް އެދިފައިވޭ.
° މިނިސްޓްރީގެ މުސްތަގިއްލު ވެލުވޭޓާއަކާ ހަވާލުކޮށްގެން މިސްކިތަށް މިހާތަނަށް ހިނގި ހަރަދު ބެލުމަށް އެދިފައިވޭ. އަދި އެފަރާތަށް ދައްކަންޖެހޭ ފީ ދައްކާނެ ކަމަށް ބުނެފައިވޭ.
° މިސްކިތް ނިންމާނެ ކަމަށް މިނިސްޓަރު ތާރީހުތަކެއް ދެއްވަމުން ދާއިރު އެއްބަސްވުމާ އެއްގޮތަށް ކުންފުނިން ހުށަހެޅި އެއްވެސް އީއޯޓީއެއް އެޕްރޫވްކޮށްފައި ނުވާ މައްސަލަ.
° ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް ރައީސް އޮފީހުން ދިން ހަ މަސް ދުވަހުގެ މުއްދަތު އެ ޕްރޮޖެކްޓަށް ލިބިފައެއް ނުވޭ. އެހެންވެ، އެ ކުންފުނިން ނޮވެމްބަރު 15، 2023 ގައި ސިޓީ ފޮނުވިޔަސް އެ ސިޓީގެ ޖަވާބު ލިބުނީ މެއި 20، 2025 ގައި.
° އެ ސިޓީގެ ޖަވާބު ފޮނުވިއިރު އެއްބަސްވުމުގެ މުއްދަތު އޮތީ ޖުލައި 18، 2024 ގައި ހަމަވެފައި.
° އީއޯޓީތަކުގެ ރިކޯޑް މިނިސްޓްރީން ނުބަލަހައްޓާ މައްސަލަ ފެންމަތިކޮށްފައިވޭ.
° އެއްބަސްވުން އާ ނުކޮށް އޮންނަތާ 341 ދުވަސް ފާއިތުވެގެން ދިޔައިރު ވެސް މިނިސްޓްރީން ހަބަރެއް ނުވެގެން ޖޫން 24، 2025 ގައި ބައްދަލުވުމެއް ބާއްވައިދޭން އެދުނު.
° އެ ބައްދަލުވުމުގައި އެއްބަސްވުން ބާތިލުވެއްޖެ ކަމާއި މަސައްކަތް ނިންމުމަށް މަދުވާ ކުރެހުންތައް ހިމަނައިގެން އެއްބަސްވުން އާކުރުމަށް އެސްޖޭ އިން އެދުނު. އަދި އެއްބަސްވުން ހަފްތާއެއްގެ ތެރޭގައި އާކުރާނެ ކަމުގެ ޔަގީންކަން މިނިސްޓްރީން ދިން ކަމަށް އެސްޖޭ އިން ބުނޭ.
° މިއަދާ ހަމައަށް މަދުވާ ކުރެހުމެއް އަދި އެއްބަސްވުން ވެސް އާކޮށްފައެއް ނުވޭ.
° ބައްދަލުވުމުގެ ޔައުމިއްޔާ ހޯދުމަށް އެދުމުން ބުނެފައި ވަނީ ޔައުމިއްޔާ ނެތް ކަމަށް. އެކަމަކީ އެއްބަސްވުމާއި ދައުލަތުގެ މާލިއްޔަތާ ވެސް ހިލާފު ކަމެއް ކަމަށް ބުނެފައިވޭ.
° ދައުލަތުން ހިންގާ ޕްރޮޖެކްޓެއްގެ ރެކޯޑް ނުބެލެހެއްޓުމަކީ ވަރަށް ޣައިރު ޒިންމާދާރު އަދި އައިރު ގާނޫނީ ކަމެއް ކަމަށް ބުނެފައިވޭ.
° ޖޫން 30، 2025 ގައި ވަނީ އެއްބަސްވުމުގެ މުއްދަތު މިއަހަރުގެ ފެބްރުއަރީއަށް އިތުރުކޮށް ދިނުމަށާއި އިތުރު ޑޮކިއުމަންޓެއް ބޭނުންނަމަ އަންގައިދޭން އެދިފައި. އެކަމަކު ދެތިން ފަހަރަށް ރިމައިންޑާ މެއިލްކޮށްގެން ވެސް ނުލިބިގެން އެކަން މިނިސްޓަރު ސައިޓު ބެލުމަށް ވަޑައިގެންނެވި ދުވަހެއްގައި ހިއްސާކުރި. އެއީ ސެޕްޓެމްބަރު 2 ގައި.
° ޖޫން 24، 2025 ގައި ބޭއްވި ބައްވުމަށްފަހު އެއްބަސްވުން އާކުރުމަށް ދެ ފަރާތުން އެއްބަސްވެފައި، ބައްދަލުވުމުގައި ވައުދުވި ފަދައިން މިނިސްޓްރީން އަމަލުކޮށްފައިނުވާތީ އެކަށީގެންވާ މުއްދަތެއްގައި އެއްބަސްވުން އާ ސަބަބުން އެއްބަސްވުން އެކީގައި ބާތިލުވެފައިވުން.





1 Comment
އެސްޖޭއަށް ހަމަ ސާބަސް.
ކޮންމެކޮންމެ މީހަކަށް ވަޒީރުކަން ދިނީމަ ވާނެ ހައެތި ތިވަނީ.
މިވަރު ވެގެންދާއިރުވެސް އަޅާލާނެ މަޖިލިސް މެންބަރަކު ނެތް!!