ދިވެހިރާއްޖޭގެ ޤައުމީ އެއާލައިން މޯލްޑިވިއަންގެ މަތިންދާބޯޓު ފްލީޓު ބަދަލުކޮށް، ޒަމާނީ ކުރުމަށް ކުރިޔަށް ގެންދާ މަޝްރޫއުގެ ތެރެއިން އޭޓީއާރު މަރުކާގެ ހަތަރުވަނަ މަތިންދާބޯޓު މިއަދު އެ ކުންފުނިން ރާއްޖެ ގެނެސްފިއެވެ.
މި މަތިންދާބޯޓު ގެނައުން ފާހަގަ ކުރުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. މި ރަަސްމިއްޔާތުގައި ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީންއާއި، ސިޓީސް އެންޑް ލޯކަލް ގަވަމެންޓް މިނިސްޓަރ އާދަމް ޝަރީފްއާއި މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާޒްގެ އިތުރުން އެ ކުންފުނީގެ ގެ އިސްވެރިން ބައިވެރިވަޑައިގެންނެވި އެވެ.
މޯލްޑިވިއަން އިން ބުނީ އެ ކުންފުނީގެ ފްލީޓަށް މިއަދު އަލަށް ގެނެވުނު މަތިންދާބޯޓުގެ ސަބަބުން، އެއާލައިންގެ ގެ ކެޕޭސިޓީ އިތުރުކުރެވި، އަދި ރޫޓުތަކަށް ދެމުންގެންދާ ހިދުމަތްތައް އިތުރަށް ރަނގަޅުކުރެވި، ފަސޭހަ ކަމާއިއެކު ދަތުރުތައް ހަމަޖެއްސޭނެ ކަމަށެވެ.
މީގެ އިތުރުން މިއަދު މި ގެނައި މަތިންދާބޯޓަކީ ޒަމާނީ ޓެކްނޮލޮޖީ ހިމެނޭ ވަސީލަތްތަކާއިއެކު އެންމެ މަތީ ފެންވަރުގެ ޚިދުމަތްތައް ފޯރުކޮށްދެވޭނޭ ގޮތަށް ފަރުމާ ކޮށްފައިވާ އުޅަނދެއް ކަމަށް މޯލްޑިވިއަން އިން ބުންޔެވެ.
އެގޮތުން މަތިންދާބޯޓުގެ އެތެރޭގެ ފިނިހޫނުމިން ކޮންޓްރޯލް ކުރެވޭ ރަނގަޅު ނިޒާމަކާއި، އަޑުތައް އިވޭ މިންވަރު ދަށްކޮށްދޭ ނިޒާމެއްވެސް ބޯޓުގައި ޤާއިމުވެފައި ހުންނާނެ ކަމަށް މޯލްޑިވިއަން އިން ބުންޔެވެ. އަދި މި ބޯޓަކީ ތަނަަަވަސް ކެބިން އަކާއި، ޒަމާނީ ނެވިގޭޝަން ސިސްޓަމްތައް އެކުލެވިގެންވާ ބޯޓެއެް ކަމަށްވެސް އެ ކުންފުނިން ބުންޔެވެ.
މޯލްޑިވިއަންގެ ފްލީޓުގައި މިވަގުތު 25 މަތިންދާބޯޓު އޮޕަރޭޓުކުރަމުން ގެންދެއެވެ. މީގެ ތެރޭގައި އެއާބަސް މަރުކާގެ 1 މަތިންދާބޯޓާއި، އޭޓީއާރު މަރުކާގެ 4 މަތިންދާބޯޓާއި، ޑޭޝް 8 މަރުކާގެ 9 މަތިންދާބޯޓާއި، ޑޭޝް 6 މަރުކާގެ 11 މަތިންދާބޯޓު ހިމެނެއެވެ.



