ވައިގެ މަގުން ދެކުނުގެ ހަތަރު އަތޮޅުގެ އެއާޕޯޓު ގުޅާލައިފިއެވެ.
ދެކުނުގެ ހަތަރު އަތޮޅު ކަމަށްވާ ގއ އަތޮޅު، ގދ އަތޮޅު، ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީ ވަނީ މޯލްޑިވިއަން އެއާލައިންގެ ދަތުރުތަކުން ގުޅާލާފައެވެ. އެ ދަތުރުތައް ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ފަށާނެއެވެ.
ދެކުނުގެ އަތޮޅުތައް ރަސްމީކޮށް ގުޅާލުމަށްޓަކައި މިއަދު ހަވީރު އައްޑޫ ސިޓީ ގަން އިންޓަރނޭޝަނަލް އެއާޕޯޓުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
އެ ރަސްމިއްޔާތުގައި މި ދަތުރުތައް ފެށުމުގެ ހުއްދަ މޯލްޑިވިއަނާ ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީނެވެ. މޯލްޑިވިއަންގެ ފަރާތުން އެ ހުއްދައާ ހަވާލުވެވަޑައިގެންނެވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސްއެވެ.
މި ހިދުމަތް ތައާރަފުކޮށްފައި ވަނީ ސަރަޙައްދީ ވައިގެ ދަތުރުފަތުރުތައް ހަރުދަނާކޮށް ގުޅުން ބަދަހިކުރުމަށްޓަކައެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވީ، އަންނަ މަހު ފަށާ މި ދަތުރުތަކަކީ ހަފުތާގެ ކޮންމެ ދުވަހަކުވެސް ކުރިއަށްދާނެ ދަތުރުތަކެއް ކަމަށާއި މީގެ ސަބަބުން ދެކުނުގެ ފަތުރުވެރިކަމަށްވެސް ބޮޑު ކުރިއެރުމެއް ލިބޭނެކަމަށެވެ.
މި ޚިދުމަތަށް ބޭނުންކުރާނީ ޑީއެޗްސީ-6-300 ޓްވިން އޮޓާ ބޯޓެވެ. މި ބޯޓުތަކުގައި ގާތްގަނޑަކަށް 15 ވަރަކަށް މީހުންނަށް ދަތުރުކުރެވޭނެއެވެ.
ދަތުރުތައް ފަށާ ހަތަރު އަތޮޅަށް ދަތުރުކުރާ އަގުތައް:
ގަން – ފުވައްމުލައް: ކޮޅަކަށް 500 ރުފިޔާ
ގަން – ކާޑެއްދޫ: ކޮޅަކަށް 900 ރުފިޔާ
ގަން – ކޫއްޑޫ: ކޮޅަކަށް 900 ރުފިޔާ
ފުވައްމުލައް – ކާޑެއްދޫ: ކޮޅަކަށް 650 ރުފިޔާ
ފުވައްމުލައް – ކޫއްޑޫ: ކޮޅަކަށް 650 ރުފިޔާ
މޯލްޑިވިއަންއިން ބުނީ މިހާރު އެ ދަތުރުތަކުގެ ބުކިންއަށް ހުޅުވާލާފައިވާ ކަމަށެވެ.



