މި ސަރުކާރުގެ އަމާޒަކީ ގަން އިންޓަރނޭޝަނަލް އެއާޕޯޓަކީ ދެކުނުގެ ވައިގެ ހަބު ކަމުގައި ހެދުން ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަމީން މިހެން ވިދާޅުވީ، ދެކުނުގެ 4 އަތޮޅު ގުޅާލުމަށް ކުރިއަށްގެންދާ ”ދެކުނުގެ ގުޅުން“ ޕްރޮޖެކްޓް އިފްތިތާޙު ކުރުމަށް މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ގަން އިންޓަރނޭޝަނަލް އެއާޕޯޓަކީ ދެކުނުގެ ވައިގެ ހަބު ކަމުގައި ހެދުން ކަމަށެވެ.
”ގަން އިންޓަރނޭޝަނަލް އެއާޕޯޓަކީ ދުނިޔޭގެ ކޮމާޝަލް އެއާލައިންތަކުގައި ބޭނުންކުރާ ހުރިހާ ސައިޒެއްގެ މަތިންދާ ބޯޓު އޮޕަރޭޓް ކުރެވޭނެ ކެޕޭސިޓީ ހުރި އެއާޕޯޓެއް“ މިނިސްޓަރު ވިދާޅުވިއެވެ.
ނަމަވެސް އެކަށީގެންވާ މިންވަރަށް އެއާލައިން އޮޕަރޭޓް ކުރުމަށް ކުރަންޖެހޭ މަސައްކަތް ކޮށްފައި ނެތުމުން މިހާތަނަށް އެފަދަ މާޙައުލެއް ޤާއިމުވެފައި ނެތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މި ވަގުތުވެސް މިދަނީ، މެދުއިރުމަތީގެ އެއާލައިނަކާއި، ޗައިނާގެ އެއާލައިނެއް ގަން އެއާޕޯޓަށް ގެނައުމަށް މަސައްކަތް ކުރަމުން ކަމަށާއި ބޮޑެތި ކޮންސެޝަންތަކެއް ދީގެން ނަމަވެސް އެއާލައިންތައް ގެންނަން އެބަޖެހޭ ކަމަށެވެ.
”މި އެއާޕޯޓަކީ އެއާލައިންތައް އަންނަ ރާއްޖޭގެ ވައިގެ ސަދަން ހަބު ކަމުގައި އަޅުގަނޑުމެން ހަދާނަން،“ މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު އަމީން ވިދާޅުވީ މިފަދަ އެއަރ ކަނެކްޓިވިޓީ ވަސީލަތެއް ޤާއިމުކުރުމުން ދެކުނުގެ ޓޫރިޒަމް ސްކޯޕް ބޮޑުވެގެންދާނެ ކަމަށާއި އޭގެ ސަބަބުން އެ އަތޮޅަށް އެކި ގޮތްގޮތުން ފައިދާތައް ކުރާނެ ކަމަށެވެ.



