ނިމިދިޔަ 2025 ވަނަ އަހަރު، އެސްޓީއޯގެ ވިޔަފާރި ރަނގަޅުވުމާއެކު ޖުމްލަ އާމްދަނީގެ ގޮތުގައި 15.5 ބިލިއަން ރުފިޔާ ލިބިފައިވާކަން އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެސްޓީއޯ އިން މިއަދު ވަނީ، 2025 ވަނަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގެ ހިސާބުތައް އެ ކުންފުނީގެ ވެބްސައިޓްގައި ޝާއިޢުކޮށްފައެވެ.
އެގޮތުން މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގެ ޖުމްލަ އާމްދަނީގެ ގޮތުގައި އެސްޓީއޯއަށް ވަނީ 4.1 ބިލިއަން ރުފިޔާ ލިބިފައެވެ. މިއީ މީގެ ކުރީ ކުއާޓަރާ އަޅާ ބަލައި އިރު 8 އިންސައްތައިގެ އިތުރުވުމެކެވެ. ޖުމްލަ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ކުންފުނީގެ ހުރިހާ ދާއިރާތަކުގެ ވިޔަފާރި ރަނގަޅުވެފައިވުމެވެ. އެގޮތުން، ތެލުގެ އާމްދަނީ 4 އިންސައްތައިން އިތުރުވެފައިވާއިރު އެހެނިހެން އާމްދަނީ ވަނީ 19 އިންސައްތައިން އިތުރުވުން ކަމުގައި އެ ކުންފުނިން ވަނީ ބުނެފައެވެ.
ޖުމްލަ އާމްދަނީ އިތުރުވުމާއެކު ޖުމްލަ ފައިދާގެ ގޮތުގައި ވަނީ 671 މިލިއަން ރުފިޔާ އެސްޓީއޯއަށް ވަނީ ލިބިފައެވެ. މިއީ މީގެ ކުރީ ކުއާޓަރއާއި އަޅާ ބަލައި އިރު 11 އިންސައްތައިގެ އިތުރުވުމެކެވެ.
ހިންގުމުގެ ފައިދާ އޭގެ ކުރީ ކުއާޓަރއާއި އަޅާ ބަލައި 11 އިންސައްތައިން އިތުރުވެ، 322 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި ފައިނޭންސް ކުރުމުގެ ހަރަދު ކުޑަކުރެވުމާއެކު ޓެކްސްއަށް ކެނޑުމުގެ ކުރިން ވަނީ ސާފު ފައިދާގެ ގޮތުގައި 276 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ މީގެ ކުރީ ކުއާޓަރއާއި އަޅާ ބަލައި އިރު 20 އިންސައްތައިގެ އިތުރުވުމެކެވެ. ޓެކުހަށް ކެނޑުމަށްފަހު، މި ކުއާޓަރގެ ސާފު ފައިދާގެ ގޮތުގައި ވަނީ 244 މިލިއަން ރުފިޔާ ލިބިފައެވެ.
މިދިޔަ އަހަރު އެސްޓީއޯގެ ވިޔަފާރި ރަނގަޅު ވުމާއެކު ޖުމްލަ އާމްދަނީގެ ގޮތުގައިވަނީ 15.5 ބިލިއަން ރުފިޔާ ލިބިފައެވެ. މިއީ މީގެ ކުރީ އަހަރާ އަޅާ ބަލައި އިރު 98 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. އާމްދަނީ އިތުރުވުމާއެކު ކުންފުނީގެ ފައިދާ އިތުރުވެ ޓެކްސްއަށް ކެނޑުމުގެ ކުރިން މި އަހަރު ވަނީ 910 މިލިއަން ރުފިޔާ ލިބިފައެވެ. ޓެކުހަށް ކެނޑުމަށްފަހު، މި އަހަރުގެ ސާފު ފައިދާގެ ގޮތުގައި ވަނީ 762 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ، އޭގެ ކުރީ އަހަރާ އަޅާ ބަލައި 3 އިންސައްތައިގެ އިތުރުވުމެކެވެ.



