ސްކޭމް ފައިސާ އޭޓީއެމުން ނަގައިދިން މީހަކު 30 ދުވަހަށް ބަންދުކޮށްފިއެވެ.
އެ މައްސަލަައިގައި ބަންދަށް 30 ދުވަސް އިތުރު ކޮށްފައި ވަނީ ގއ. ކަނޑުހުޅުދޫ ފޫހިވާގޭ މުހައްމަދު އަލީ، 42، އެވެ.
މީހެއްގެ ސޯޝަލް މީޑިއާ އެކައުންޓުތައް ހެކްކޮށް، ވިޔަފާރި ކުންފުންޏެއްގެ ބެންކު އެކައުންޓަށް އެކްސެސް ހޯދުމަށް ފަހު ގިނަ އަދަދެއްގެ ފައިސާ ނެގި މައްސަލައެއްގައި މިދިޔަ ހޯމަ ދުވަހު 10 މީހަކު ހައްޔަރު ކުރި އިރު އެ މީހުންގެ ތެރޭގައި މުހައްމަދު އަލީ ހިމެނެއެވެ.
އަދި އެ ފައިސާގެ ތެރެއިން 25،000 އަށް ވުރެ ގިނަ ރުފިޔާ އޭޓީއެމުން ނަގައިދިން ކަމަށް ކޯޓުގައި އިއްޔެ އޭނާ ވަނީ އެއްބަސްވެފައެވެ.
ސްކޭމްކޮށްގެން ކުންފުންޏެއްގެ އެކައުންޓަށް ވަދެ އެކި މީސްމީހުންނަށް ފޮނުވި 279،600 އަށް ވުރެ ގިނަ ރުފިޔާގެ ތެރެއިން 25،242.80ރ. މުހައްމަދު އަލީގެ އެކައުންޓަށް ވަދެފައިވެއެވެ.
އޭނާގެ އެކައުންޓަށް އެ ފައިސާ ޖަމާވި ކަމަށާއި އަދި އެ ފައިސާ ނަގައި އެހެން މީހަކަށް ހަވާލުކުރި ކަމަށް ކޯޓުގައި ވަނީ އެއްބަސްވެފައެވެ.
އެހެންކަމުން ގއ. ކަނޑުހުޅުދޫ ފޫހިވާގޭ މުހައްމަދު އަލީ، 42، ގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 30 ދުވަސް ޖަހާފައެވެ.




