ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ނިމިގެންދާއިރު، މި ވެރިކަން ވެގެންދާނީ އެންމެ ގިނަ އަދި ބޮޑެތި ކާމިޔާބުތައް މިހާތަނަށް ރާއްޖެއަށް ލިބޭނެ ފަސް އަހަރަށް ކަމަށާއި ރައީސްގެ އަމާޒު ވެސް ހުރީ އެ ދިމާލަށް ކަމަށް ސަރުކާރު ހިންގާ ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
މެންބަރު ފަލާހު މިހެން ވިދާޅުވީ ލޯކަލް ކައުންސިލުތަކުގެ އިންތިހާބަށް ފުވައްމުލަކުން ނުކުންނަ ކެންޑިޑޭޓުންގެ ކެމްޕެއިން އިފުތިތާހު ކުރުމަށް އެ ސިޓީގައި ރޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން ފަލާހު ވިދާޅުވީ، މި ފަސް އަހަރަކީ ކާމިޔާބު ފަސް އަހަރުކަމުގައި ވެގެންދާނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ.
”މި ސިޓީތަކުގައި ވެސް މައިންބަފައިން އެންމެ ބޮޑަށް ކަންބޮޑުވެފައި ތިބި އެއް ކަންތައް ކުދިކުދި ދަރިން ސްކޫލަށް ދާއިރުގައި ދަބަހަށް ވޭޕްލައިގެން އެ އަށް މަސްތުވާއެއްޗެހި އަޅައިގެން ދިއުން. އެ ހުރިހާ ކަމެއް ހުއްޓިއްޖެ. ގޭންގުތަކާއި މި ހުރިހާ ކަމެއް މާލޭގައި އެއްގޮތަކަށް ވެސް ނެތޭ ބުނަން މިހާރު އަޅުގަނޑުމެންނަށް ކެރިދާނެ. ވަޒީފާގެ ފުރުސަތުތައް ވަރަށް ގިނަ އަދަދަށް ހުޅުވާލައިފި. ވަރަށް ގިނަ މަޝްރޫއުތައް، ގައުމަށް ފައިދާ ހުރި ކަންކަން ރައްޔިތުންގެ މަޖިލިހުގެ ތެރެއިން ގާނޫނުތަކަށް ބަދަލު ގެނެސް، ގެންނަންޖެހޭ މުހިންމު އިސްލާހުތައް އެ ދަނީ ގެންނަމުން.“ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޕީއެންސީގެ ކެމްޕެެއިން މެނޭޖަރުގެ ޒިންމާއާ ވެސް ހަވާލުވެ ހުންނެވި ފަލާހު ވިދާޅުވިއެވެ.
މީގެއިތުރުން ފަލާހު ވިދާޅުވީ، އެ ސަބަބުތަކާ ހެދި ވެސް ރައީސް މުއިއްޒުގެ މި ފަސް އަހަރު ވާނީ ރާއްޖޭގެ ތާރީހުގައި ވެސް ވެރިއެއްގެ ޒައާމަތުގައި އެންމެ ބޮޑެތި ފައިދާތަކާއި ކާމިޔާބުތައް ލިބޭނެ ދުވަސްވަރަށް ކަމަށެވެ.




1 Comment
ކުރީޒަމާނުގައި ދިވެހިބަސް އުގަންނައިދިން ޗާޕްކޮށް ގިނަ ސްކޫލް ތަކެއްގައި ޒަމާންތަކެއް ވާންދެން ބޭނުންކުރި ފޮތެއްގައިވޭ “ބަސް މަދުކުރާށޭ ޢަމަލު ގިނަ ކުރާށޭ”މިއީ މިސަރުކާރުގެ މަންތީފަންތީގައި ތިއްބެވި ރޯނިފިލާ ރޯނުއެދުރު ނޭއްގާނި ބޭކަލުންނަށް ވަރަށް ޢިބްރަތްތެރި ދަރުސެއް.