ގާތްގަނޑަކަށް ދެ އަހަރު ދުވަސް ވަންދެން ބަންދުކޮށްފައި ބޭއްވުމަށްފަހު، ޣައްޒާއާއި މިސްރު ގުޅުވައިދޭ ރަފާހް ބޯޑަރު މާދަމާ ހުޅުވާލަން ނިންމާފައިވާ ކަމަށް ޔަހޫދީ އިސްރާއީލުން ބުނެފިއެވެ.
ފަލަސްތީނުގެ ސަރަހައްދުތަކުގެ މަދަނީ ކަންކަން ބަލަހައްޓާ އިސްރާއީލުގެ ޑިފެންސް މިނިސްޓްރީގެ ކޯޑިނޭޓަރު އޮފް ގަވާމަންޓް އެކްޓިވިޓީސް އިން ދަ ޓެރިޓޯރީސް (ކޯގަޓް) އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބޯޑަރު ހުޅުވި ނަމަވެސް އެ ސަރައްދުން މީހުންނަށް ދަަތުރުކުރެވޭނީ ވަކި އަދަދަކަށް ކަމަށެވެ.
އެ ބަޔާނުގައި ބުނެފައިވަނީ، ރަފާހް ކްރޮސިން މެދުވެރިކޮށް ޣައްޒާއިން ނުކުތުމާއި އެތެރެއަށް ވަނުމުގެ ހުއްދަ ދޭނީ މިސްރާ ގުޅިގެން އިސްރާއީލުން ކަމަށެވެ. އަދި ވަކިވަކި ފަރުދުން ބޯޑަރު ހުރަސް ކުރުމުގެ ކުރިން ސެކިއުރިޓީ ކްލިއަރެންސް ކުރަަންޖެހޭނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ މިސްރުން ޣައްޒާއަށް އެނބުރި ދިއުމުގެ ހުއްދަ ލިބޭނީ، މިސްރާ ވާހަކަދައްކައިގެން ހަމައެކަނި ހަނގުރާމައިގެ ތެރޭގައި ޣައްޒާއިން ފުރައިގެން ދިޔަ ރައްޔިތުންނަށް ކަމަށާއި، އިސްރާއީލުން ސަލާމަތީ ގޮތުން ކްލިއަރެންސް ދިނުމަށް ފަހު ކަމަށެވެ.



