ގްރޭޑް 10 (އޯލެވެލް) އާ ހަމައަށް ކިޔަވައިދޭ ސްކޫލަކާއި އޭލެވެލަށް ހާއްސަ ސްކޫލެއް ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާތާރް ކުރުމުގެ މަސައްކަތް މި އަހަރު ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝަފީއު މިހެން ވިދާޅުވީ އޮންލައިން ނޫހަކަށް މިދިޔަ ހަފްތާގައި ދެއްވި ބަސްދީގަތުމެއްގައެވެ.
އެގޮތުން ހުޅުމާލޭގައި މިހާރު ހުރި ގިނަ ސްކޫލުތަކުގެ ޖާގަ ވަރަށް ބޮޑަށް ފުރިފައިވާކަން ފާހަގަ ކުރައްވަމުން މިނިސްޓަރ ވިދާޅުވީ ގްރޭޑް 1-10 އަށް ކިޔަވައިދޭ އާ ސްކޫލެއް ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރުމުގެ މަސައްކަތުގެ ކޮންސެޕްޓް ފައިނަލްކޮށް، މިހާރު ޑިޒައިން މަރުހަލާގައި އޮތް ކަމަށެވެ.
އެ ސްކޫލުގެ އަމަލީ މަސައްކަތް އެންމެ ލަސްވެގެން މި އަހަރުގެ ފުރަތަމަ ކުއާޓާގެ ތެރޭގައި ފެށޭނެ ކަމަށް މިނިސްޓަރު ލަފާކުރައްވައެވެ.
”ޝަހީދު އަލީ ސްކޫލަށް އަޅުގަނޑުމެން އަންދާޒާ ކުރީ 1،850 ވަރަކަށް ދަރިވަރުންނޭ އަންނާނީ. އެކަމަކު ފަހިދިރިއުޅުން ފްލެޓްތައް އެންމެ ފަހު ވަގުތު ދެވިގެން ދިއުމުން އެ އަދަދު ވަނީ 2،000 އިން މައްޗަށް ގޮސްފައި. އަންނަ އަހަރަށް އަޅުގަނޑުމެންނަށް އެންމެ ގިނަވެގެން އެ ސްކޫލުން ޖާގަ ދެވޭނީ 600 ވަރަކަށް ދަރިވަރުންނަށް. އެހެންވީމަ އަންނަ އަހަރަށް މައްސަލައެއް ނުޖެހޭނެ،“ މިނިސްޓަރ ޝަފީއު ވިދާޅުވިއެވެ.



