ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނެސްފައިވާ ބަދަލާ އެކު ’ބިންވެރިޔާ‘ ސްކީމުގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބިފައިވާ މީހުންގެ ބިމުގެ ސަރަހައްދުތައް ކަނޑައެޅުމަށް ނަގާ ގުރުއަތުލުން މިއަދު ހެނދުނު ފަށައިފިއެވެ.
މީގެ ކުރިން އާންމުކޮށްފައިވާ ގިރާވަރުފަޅުގެ ލޭންޑު ޔޫސް ޕްލޭނުގައި އެ ސަރަހައްދުން ދޫކުރަން ހަމަޖެހިފައިވާ 610 ގޯތި މަދުވާތީ އެ އަދަދު ހިމަނައިގެން ގިރާވަރުފަޅުން ދޫކުރަންޖެހޭ ޖުމްލަ 4،072 ގޯއްޗާއެކު އާ ލޭންޑް ޔޫސް ޕްލޭން މިހާރު ވަނީ އާންމުކޮށްފައެވެ.
މިއާއެކު، ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ސަރަހައްދަށް ބަދަލު އައިސްފައިވުމުން، އާ ލޮޓް ނަންބަރުތަކެއް ވަނީ ކަނޑައަޅާފަ އެވެ. މިއަދު ކުރިއަށް ދަނީ، މި ބަދަލާ ގުޅިގެން ގިރާވަރުފަޅުން ގޯތި ހަވާލުކޮށްފައިވާ ފަރާތްތަކުގެ މެދުގައި އާ ޕްލޮޓް ކަނޑައެޅުމަށްޓަކައި ގުރުނެގުމުގެ މަސައްކަތެވެ.
މި ބަދަލާއިއެކު ގިރާވަރު ފަޅުން ގޯތިލިބޭ ފަރާތްތަކަށް ލިބޭ ޕްލޮޓްގެ ގުރުއަތުލުމުގެ ކަންކަން ކުރިއަށް ގެންދާނީ އެކަމަށް ކަނޑައަޅާފައިވާ ހައުސިންގް މިނިސްޓްރީގެ މުވައްޒަފުން ކަމުގައި އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
އެ މިނިސްޓްރީން ބުނީ، ގިރާވަރުފަޅުން ބިން ލިބޭ މީހުންގެ ތެރެއިން ގުރުއަތުލާ ހޯލަށް ކޮންމެ ޕްލޮޓަކަށް އެކަކަށް ވަދެވޭނެ ކަމަށާއި ގުރުއަތުލާއިރު ޕްލޮޓް ކަނޑައެޅޭ މީހުންނަށް ލިބުނު ޕްލޮޓް ނަންބަރު އެސްއެމްއެސް ގެ ޒަރިއްޔާއިން ވަގުތުން ލިބޭނެ ކަމަށެވެ.
މީގެއިތުރުން ގޯތިލިބޭ މީހުންގެ ގުރުއަތުލުން ނިމުމުން، ގޯތިތަކުގެ ރަޖިސްޓްރީ އާއި ބިން ލިބޭ މީހުންނާއެކު ހަދާ އެއްބަސްވުންތަކާ ގުޅޭ މައުލޫމާތު ފަހުން ހިއްސާކުރާނެ ކަމަށާއި ބިން ހިއްކާ ނިމުމުން، ގޯތި ލިބިފައިވާ ފަރާތްތަކާ ގޯތި ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ވެސް ހައުސިންގް މިނިސްޓްރީން ބުންޏެވެ.
ގިރާވަރުފަޅުން ދޫކުރާ ގޯތީގެ އަދަދާއި ބޮޑުމިން:
° 1،250 އަކަފޫޓުގެ 2603 ގޯތި
° 1،650 އަކަފޫޓުގެ 1214 ގޯތި
° 2،050 އަކަފޫޓުގެ 254 ގޯތި
° 2،450 އަކަފޫޓުގެ 1 ގޯތި



