މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައި ފެމިލީ ކޯޓުން 137 ވަރި ކޮށްދީފައިވާ ކަމަށް އެ ކޯޓުގެ ހިސާބުތަކުން ދައްކައިފިއެވެ.
ފެމިލީ ކޯޓުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ ޑިސެމްބަރު މަހުގައި އެކޯޓުން ވަނީ 277 ކައިވެންޏެއް ކޮށްދީފައެވެ. އަދި، 137 ވަރި އެ މަހު ކޮށްދީފައިވާއިރު، އޭގެ ކުރިން ނޮވެމްބަރުގައި ވަނީ، 108 ވަރި ކޮށްދީފައެވެ. އެހެންކަމުން މިދިޔަ މަހު މިވަނީ ނޮވެމްބަރު މަހަށްވުރެ 29 ވަރި އިތުރުވެފައެވެ.
ވަރީގެ އިތުރުން 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހަށްވުރެ މިދިޔަ ޑިސެމްބަރު މަހު، ކޮށްދިން ކައިވެނީގެ އަދަދު ވެސް ވަނީ އިތުރުވެފައެވެ. އެގޮތުން، ނޮވެންބަރަށް ވުރެ އިތުރަށް 108 ކައިވެނި މިދިޔަ މަހު ފެމިލީ ކޯޓުގައި ކޮށްދީފައިވާކަން ތަފާސްހިސާބުތަކުން ދައްކައެވެ.
ފެމިލީ ކޯޓުން ބުނީ، މިދިޔަ މަހު އެ ކޯޓުން 176 ވަރީގެ މައްސަލައެއް ބަލައި ނިންމާފައިވާ ކަމަށެވެ. އެއީ، ނޮވެންބަރުގައި ވަރިވުމަށް އެދި ހުށަހެޅި 74 މައްސަލައަކާއި ވަރިކުރުމަށް އެދުނު 40 މައްސަލައާއި ވަރި ސާބިތުކުރުމަށް ހުށަހެޅި 59 މައްސަލައިގެ އިތުރަށް ވަރިއާމެދު ޝައްކު ކުރެވުނު ތިން މައްސަލައެކެވެ.



