ބޭންކު އޮފް މޯލްޑިވްސް (ބީއެލްއެމް) އަށް ލިބޭ މާލީ ފައިދާ އިތުރުވެ، ޚިދުމަތްތައް ފުޅާވުމަކީ އޭގެ ފައިދާ މުޅި ރާއްޖެއަށް ކުރާނެ ކަމެއްކަމުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ބީއެމްއެލްގެ ކުޑަހުވަދޫ ބުރާންޗުގެ އައު އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ދެއްކެވިވާހަކަފުޅުގައި މިނިސްޓަރ ޒަމީރު ވަނީ ބީއެމްއެލްއަށް މިހާރު އަންނަމުންދާ ކުރިއެރުންތަކާއި އެކު، މުޅި ރާއްޖެއަށް ވެސް އެކަމުގެ ސަބަބުން ލިބެމުންދާ ފައިދާތައް ފާހަގަކުރައްވާފައެވެ.
އެގޮތުން މިނިސްޓަރު ވިދާޅުވީ ދިވެހިންގެ ޤައުމީ ބޭންކަށް މިހާރު ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާ ކަމަށެވެ. އަދި މާލީގޮތުން ބޭންކަށް ލިބެމުންދާ ކުރިއެރުންތަކުގެ ފައިދާ މުޅި ރާއްޖެއަށް ކުރާ ކަމަށް ވެސް ވިދާޅުވިއެވެ.
”ދިވެހި ޤައުމީ ބޭންކުގެ އަސްލު މަޤާމަށް އަންނަތަން މި ފެންނަނީ، މުސްތަޤުބަލްގައި މިކަންތައް އިތުރުވެގެންދާނެ ކަމަށް ގަބޫލުކުރަން، ބޭންކުގެ ފައިދާ އިތުރުވީމަ، އޭގެ ނަތީޖާއަކީ މުޅި ރާއްޖޭގެ ކުރިއެރުމަށް އެހީވެދޭ“ ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.
މީގެއިތުރުން ރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމުގައި ވިޔަފާރިތަކަށް އަންނަ ކުރިއެރުން މުހިއްމުކަން ފާހަގަކުރައްވާ މިނިސްޓަރ ޒަމީރު ވިދާޅުވީ މިމަސައްކަތުގައި ޤައުމީ ބޭންކުގެ ދައުރު ބޮޑު ކަމަށެވެ. އަދި ޤައުމީ ބޭންކު ފުޅާކުރުމަށް ހުރިހައި އެންމެން ގުޅިގެން މަސައްކަތްކުރުމަށް މިނިސްޓަރު ވަނީ އިލްތިމާސްކުރައްވާފައެވެ.



