ރާއްޖޭގެ މައި ދޮރާށި ކަމުގައިވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަށް ދުވަހުން ދުވަހަށް އަންނަމުންދާ ޒަމާންވީ ތަރައްގީތަކަކީ، އެތަނެއް ފެނިފައި ގިނަ ބަޔަކު މިހާރު އާޝޯޚު ކޮށްލުވާނެފަދަ ރީތިކަމެއް ލިބިގެންވާ ތަނެކެވެ.
އެއާޕޯޓަށް ވަދެގެންދާއިރު ޒަމާނީ ފެންވަރަށް ހަދާފައިވާ ރީތި ޓާމިނަލްގެ އިތުރުން އެންމެ ބޮޑަށް ދެން އަޅައިގަންނަނީ މުޅި އެއާޕޯޓުގެ އެކި ދިމަދިމާލުގައި އިންދާފައިވާ ތަފާތު އެކި ވައްތަރުގެ ރީތި ގަސްތަކެވެ. ތެދައް ބުނާނަމަ، އެއާޕޯޓުގެ އެންމެ ކަނެއްވެސް، ކޮންމެވެސް އެއްވައްތަރެއްގެ ގަހަކާ ނުލައި ހުހަށް އޮންނަ މަންޒަރެއް ނުފެނެއެވެ. އަބަދުވެސް ފެންނަނީ އެ މާހައުލަކާ އެންމެ ގުޅޭނެ ބާވަތެއްގެ ގަހެއް އެތަނެއްގައި ބަހައްޓާފައި ހުންނަ މަންޒަރެވެ.
މި ޗާލުކަން އެއާޕޯޓަށް ގެނެސްދީފައިވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ހީވާގި މުވައްޒަފުން ހިންގާ ހޯޓިކަލްޗަރ ނާސަރީންނެވެ.

އެމްއޭސީއެލްއިން ދިން ފުރުސަތެއްގައި އެ ނާސަރީއަށް ކުރި ޒިޔާރަތުގެ ތެރެއިން ވަނީ، ތިމާވެއްޓާއި އެންމެ ރަށްޓެހިގޮތަށް އަދި ގުދުރަތީ ރީތިކަމުން ވީއައިއޭ ޒީނަތްތެރިކުރުމަށް، އެ ކުންފުނިން ކުރާ މަސައްކަތްތަކުގެ މިންވަރެއް ފެނިފައެވެ.
ގާތްގަނޑަކަށް 20،000 އަކަފޫޓުގެ ބިމެއްގައި ހަދާފައިވާ އެ ނާސަރީގައި ތަފާތު އެކި ވައްތަރުގެ ބަގީޗާ ގަހާއި އަދި ހަމައެކަނި ޒީނަތްތެރިކުރުމަށް ބޭނުންކުރާ ތަފާތު އެކި ވައްތަރުގެ ގަސްތައްވެސް ހައްދާފައިވެއެވެ.

އަންހެން ދެ ބޭފުޅަކު ލީޑު ކުރަމުންދާ އެ ނާސަރީގައި ގަސް އިންދުމުގެ މަސައްކަތް ކުރަމުން ދަނީ 48 ވަރަކަަށް ފިރިހެން މުވައްޒަފުންނެވެ.
އެމްއޭސީއެލްއިން މައުލޫމާތު ދިން ގޮތުގައި އެތަނަށް ގަސް ހަދިޔާކުރަނީ ވެންޑަރުންގެ ގޮތުގައި ތިބޭ ކުންފުނިތަކަށް އެކަމަށް އެދި އިއުލާނު ކުރުމުންނާއި ހަދިޔާކުރާ ބައެއް ގަސްތަކުން އަމިއްލައަށް ވެސް އިތުރަށް ގަސް ހައްދައިގެންނެވެ.
ގަސްތަކުން ވީއައިއޭ ޒީނަތްތެރިކުރުމުގެ އިތުރުން، ހޯޓިކަލްޗަރ ނާސަރީން ދަނީ އެމްއޭސީއެލްއިން އިންތިޒާމުކުރާ ޚަފްލާތައް ވެސް އެ ޚަފްލާއަކާ ގުޅޭ ގަސްތަކުން ރީތިކުރަމުންނެވެ. އަދި މީގެއިތުރުން، އެހެން އިދާރާތަކާއި، މުއައްސަސާތަކުންވެސް އެކި ޚަފްލާތަކަށް ގަސް ބޭނުންވެގެން އެދުމުން، އެމްއޭސީއެލްގެ ނާސަރީން އެތަނަކަށް ގަސްތައް ފޯރުކޮށްދެއެވެ.

ހޯޓިކަލްޗަރ ނާސަރީގެ އިތުރުން ދެން އެ ދަތުރުގައި ޒިޔާރަތްކުރީ ވީއައިއޭގެ ފަޔަރ އެންޑް ރެސްކިޔު ސާވިސަސް އަށެވެ. ކުއްލި ނުރައްކަލުގެ ހާލަތެއް ދިމާވެއްޖެނަމަ، އެއާޕޯޓުގެ ސަލާމަތީ ކަންކަން މިހާރު އޮތީ އެންމެ ފުރިހަމަ ތައްޔާރީގައިކަން މިދަތުރުގައި ހާމަވެގެން ދިޔައެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެއާޕޯޓް އެމަޖެންސީ އެންޑް ބިޒްނަސް ކޮންޓިނިއުޓީގެ ޖެނެރަލް މެނޭޖަރު އަޒީނާ ވިދާޅުވި ގޮތުގައި، އެއާޕޯޓުގެ އެމަޖެންސީ ސާވިސަސް ނުވަތަ އެއާޕޯޓް ރެސްކިއު އެންޑް ފަޔާ ފައިޓިން (އޭއާރުއެފްއެފް) އޮޕަރޭޝަންތައް ބެހިފައިވަނީ މައިގަނޑު ތިން ބަޔަކަށެވެ. އެއީ ލޭންޑް (އެއްގަމު)، މެރިން (ކަނޑުމަތި) އަދި ޕެރެމެޑިކްސްއެވެ. މީގެ އިތުރުން އެއާޕޯޓް އެމަޖެންސީ ޕްލޭން، ފަޔާ ޕްރިވެންޝަން، ސަޕޯޓް ސާވިސަސް އަދި ޓްރެއިނިންގްގެ ސެކްޝަންތަކަކަށް ބަހާލައިގެން ވަރަށް ފުޅާ ދާއިރާއެއްގައި މި މަސައްކަތްތައް ދަނީ ކުރިއަށެވެ.

”މިއީ ވަރަށް ޑައިވާސް (ތަފާތު ގިނަ ކަންތައްތަކެއް ހިމެނޭ) އޮޕަރޭޝަނެއް. މީގެ ތެރެއިން އެންމެ މުހިންމު ބަޔަކީ ފަސްޓް ރެސްޕޮންޑާސްގެ ގޮތުގައި މަސައްކަތްކުރާ އެއާޕޯޓް ފަޔާ އެންޑް ރެސްކިއު ސާވިސަސް. އެއާޕޯޓުގައި ދިމާވާ ހުރިހާ އަލިފާނުގެ ހާދިސާތަކާއި، އެއާކްރާފްޓް ރިލޭޓެޑް އެމަޖެންސީތަކާއި، މެޑިކަލް އެމަޖެންސީތަކުގައި އެންމެ ފުރަތަމަ ހަރަކާތްތެރިވާނީ މި ޓީމު،“ އަޒީނާ ވިދާޅުވިއެވެ.

ހިދުމަތުގެ ފެންވަރު ހާމަކޮށްދެއްވަމުން އަޒީނާ ވިދާޅުވީ، އެއާޕޯޓުގެ އޮޕަރޭޝަންތަކަށް ބޭނުންވާ މިންވަރަށް ވުރެ އިތުރަށް، 200 އިންސައްތައިގެ އެކްސްޓިންގުޝާ ރިޒާވް ކެޕޭސިޓީ މިހާރު އެއާޕޯޓް ފަޔަރުގައި އެބަހުރި ކަމަށެވެ. މިއީ އެއާޕޯޓުގެ އޮޕަރޭޝަނަށް ބުރޫނާރާ ގޮތަށް، ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ ނުވަތަ އެމްއެންޑީއެފުން އެދިއްޖެ ހާލަތެއްގައި މާލެ ސަރަހައްދުގައި ހިނގާ ހާދިސާތަކަށް ވެސް އެހީތެރިކަން ފޯރުކޮށްދެވޭނެ ފަދަ ވަރުގަދަ ގާބިލުކަމެކެވެ. މާލެއާއި ހުޅުމާލެ ބްރިޖުން ގުޅިފައި އޮތުމުން، މާލޭގައި ހިނގާ ހާދިސާތަކަށް ވެސް 10 މިނެޓުގެ ތެރޭގައި އެޓެންޑްވުމުގެ ގާބިލުކަން އެބަހުރި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޒަމާނީ ވަސީލަތްތަކަށް ބަލާއިރު، މިހާރު ފަޔާ ސްޓޭޝަންތަކުގައި ބޭނުންވާ މިންވަރަށް ވެހިކަލްތައް އެބަހުއްޓެވެ. އަދި އަންނަ މާޗް މަހުގެ ތެރޭގައި އިތުރު ޒަމާނީ އެންމެ ފަހުގެ އާ ވެހިކަލްތަކެއް ގެނައުމަށް ވަނީ ހަމަޖެހިފައެވެ. ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޝަން ރާއްޖޭގައި އޮތުމާއެކު، ސީޕްލޭންއަކަށް ނުވަތަ ރަންވޭ މަތީގައި އޮންނަ ބޯޓަކަށް ކަމެއް ދިމާވި ނަމަވެސް، އަދި ހަމައެއާއެކު މާލެ ސަރަހައްދުން ހާދިސާއެއް ދިމާވި ކަމުގައި ވިޔަސް، މި ތިން ސަރަހައްދުގައި ވެސް އެއްފަހަރާ ހިދުމަތް ދީ އެކަން ކޮންޓްރޯލް ކުރުމުގެ ފުރިހަމަ ގާބިލިއްޔަތުކަން އެއާޕޯޓް ފަޔާ ޓީމުގައި އެބަހުއްޓެވެ.



