ހުޅުމާލެ ފޭސް 2 ގައި ހުންނަ ހިޔާގެ ފަސް ވަނަ ޓަވަރުގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި 38 ފްލެޓެއްގެ ނަރުދަމާ ހޮޅިތަކަށް ގެއްލުންވެފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފިއެވެ.
އެންޑީއެމްއޭ އިން ބުނިގޮތުގައި ހިޔާގެ 5 ވަނަ ޓަވަރުގެ އޭސީ އައުޓް ޑޯ ޔުނިޓެއްގައި ރޯވެގެން ހިނގި އަލިފާނުގެ އެ ހާދިސާގައި، 18 ފްލެޓެއްގައި ތިބި 85 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވެއެވެ. އަދި އެ ހާދިސާގައި 38 ފްލެޓެއްގެ ނަރުދަމާ ހޮޅިތަކަށް ގެއްލުން ވެފައިވާ ކަމަށް ވެސް އެންޑީއެމްއޭއިން ބުންޏެެވެ.
މި ހާދިސާއާ ގުޅިގެން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ، އެޕާޓްމަންޓް 6 އަދި 7 ގެ މައި ހޮޅިއަށް ލިބިފައިވާ ގެއްލުން މަރާމާތު ކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން މިހާރު ކުރަމުންދާ ކަމަށެވެ.
ރޭގެ ހަތެއް ޖަހާކަންހާއިރު އެ ޓަވަރުގައި ރޯވީ އައުޓްޑޯ ޔުނިޓެއްގައި ކަމަށް އެނގިފައި ވިޔަސް އެ ހާދިސާއާ ގުޅޭ ތަފްސީލުތައް މިހާތަނަށް އަދި ލިބިފައެއް ނުވެއެވެ.



