ދިވެހި ރާއްޖޭގެ ތާރީޚު ދިރާސާކުރެއްވި، ފްރާންސްގެ ދަރިކޮޅަށް ނިސްބަތްވާ އަބްދުލްޢަޒީޒު އިބްރާހީމް (ދޮންމަނިކުބެ) ނިޔާވެއްޖެއެވެ.
ދޮންމަނިކުބެއަކީ ހއ. ދިއްދޫގައި އެންމެ ފުރަތަމަ ވަޒަންވެރިވި ފްރާންސަށް ނިސްބަތްވާ ޖޯސަޕްގެ ދަރި ދޮންތަކުރުގެ، މުޙައްމަދުގެ، އިބްރާހީމްގެ އަބްދުލްޢަޒީޒް އިބްރާހީމް އެވެ. ދިއްދޫގައި އޭނާ ދިރިއުޅުނީ ބާދޭސަބާ ގޭގައެވެ.
ދޮންމަނިކުބެ ނިޔާވިއިރު އުމުރުފުޅުން 78 އަހަރެވެ. އޭނާގެ މައްޗަށް މިއަދުގެ މެންދުރުނަމާދަށްފަހު ވަނީ އާސަހަރާ މިސްކިތުގައި ކަށުނަމާދު ކޮށްފައެވެ.
ފްރާންސްގެ ދަރިފަސްކޮޅަށް ނިސްބަތްވާ ދޮންމަނިކުބެ ވަނީ ދިވެހި ދައުލަތަށް 39 އަހަރު ޚިދުމަތް ކުރައްވާފައެވެ. މީގެ ތެރޭގައި ދިއްދޫ ކުޑަ ކަތީބުކަމާއި ބޮޑު ކަތީބުކަމުގެ އިތުރުން ދިއްދޫ މަދަރުސާގައި ޤުރުއާން އަދި އިސްލާމް މުދައްރިއްސެއްގެ މަޤާމުވެސް އޭނާ ވަނީ އަދާ ކުރައްވާފައެވެ.
ދޮންމަނިކުބޭ ވަނީ ދިވެހި ތާރީޚު ދިރާސާކޮށް، އޭގެ މައްޗަށް އަލިއަޅުވާލާ ދެ ފޮތެއްވެސް ލިޔުއްވާފައެވެ. އެގޮތުން ”ހޯދި ހޯދުންތަކާއި އަމިއްލަ ތަޖުރިބާ“ އަދި ”ކުރީގެ ބައެއް އާދަކާދަތައް“ ފަދަ ފޮތްތައް އޭނާ ވަނީ ލިޔުއްވާފައެވެ. އަދި މި ފޮތްތައް އޭނާވަނީ އެކި ފަރާތްތަކަށް ހަދިޔާވެސް ކުރައްވާފައެވެ.


