ކޮންވެންޝަނަލް/ބްރޭކް ބަލްކް ކާގޯއަށް ދޭ ”ފްރީ ސްޓޯރޭޖް“ ގެ މުއްދަތަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބަދަލެއް ގެނެސްފިއެވެ.
އެމްޕީއެލް އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލުއިފަސޭހަކޮށްދިނުމަށާއި، އިޤްތިޞާދީ ގޮތުން އެ ފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތައް ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، މާލޭ ވިޔަފާރި ބަނދަރަށް ގެންނަ ކޮންވެންޝަނަލް ކާގޯ (ކޮންޓޭނަރަށް ނުލައި ގެންނަ މުދާ) ގެ ތެރެއިން، މާލޭ ވިޔަފާރި ބަނދަރުގެ ”އޯޕަން ސްޓޯރޭޖް އޭރިޔާ“ގައި ސްޓޯރކުރާ މުދަލަށް ދޭ ”ފްރީ ސްޓޯރޭޖް“ މުއްދަތަށް ތިރީގައިވާ ގޮތަށް ބަދަލު ގެންނަން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.
ކޮންވެންޝަނަލް/ބްރޭކް ބަލްކް ކާގޯއަށް ދޭ ”ފްރީ ސްޓޯރޭޖް“ގެ މުއްދަތަށް ގެނެވުނު ބަދަލު:
° ބަނދަރުގެ ”އޯޕަން ސްޓޯރޭޖް އޭރިޔާ“ގައި ސްޓޯރކުރާ ބްރޭކް ބަލްކް ކާގޯ އަށް ”ފްރީ ސްޓޯރޭޖް“ގެ މުއްދަތު ގޮތުގައި 10 ދުވަސް ދިނުން.
ބަނދަރުގެ ”އޯޕަން ސްޓޯރޭޖް އޭރިޔާ“ ގައި ބަހައްޓާ ކޮންވެންޝަނަލް ކާގޯއަށް ”ފްރީ ސްޓޯރޭޖް“ގެ ގޮތުގައި ކުރިން ދެނީ 5 ދުވަހެވެ. އެހެންކަމުން މި ގެނެވުނު ބަދަލާއެކު، މުދާ އެތެރެކުރާ ފަރާތްކަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމުގައި އެމްޕީއެލްއިން ބުނެފައިވެއެވެ.
މި ގެނެވުނު ބަދަލުތަކަށް އަމަލުކުރަން ފަށާނީ 1 ފެބްރުވަރީ 2026 ވަނަ ދުވަހުން ފެށިގެން މާލޭ ވިޔަފާރި ބަނދަރަށް އަންނަ އުޅަނދުތަކުން ބާލާ މުދަލަށް ކަމުގައިވެސް އެމްޕީއެލްއިން ބުންޏެވެ.



