އަދުލު އިންސާފު ގާއިމުކުރުމުގައި އެންމެ މަތީ ފެންވަރު ހާސިލް ކުރުމުގެ އަމާޒު އެބައޮތް ކަމަށް ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވިދާޅުވެއްޖެއެވެ.
އުއްތަމަ ފަނޑިޔާރު މިހެން ވިދާޅުވީ، މިއަދު ފެށުނު ފަނޑިޔާރުންގެ މަހާސިންތާ 2026 ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ގާނޫނުގެ ބާރުވެރިކަން ނެގެހެއްޓުމުގެ އަމާޒު ޖުޑީޝަރީގައި އެބައޮތް ކަމަށެވެ.
”މުއައްސަސާއެއްގެ ގޮތުގައި ތަނެއް ކުރިއަރައިދިއުމަށް ބޭނުންވާ އެންމެ މުހިއްމު އެއް ކަމަކީ، އަމާޒެއް އޮތުން، މިސްރާބެއް އޮތުން، ވިޝަންއެއް އޮތުން. އެ ވިޝަން، އެ މިސްރާބު އެ އަމާޒު ދިވެހި ފަނޑިޔާރުގޭގައި އެބައޮތް. އެއީ، ޤާނޫނުގެ ބާރުވެރިކަން ނުވަތަ ގާނޫނުގެ ހުކުމް ނެގެހެއްޓުމާއެކު އަދުލު އިންސާފު ގާއިމުކުރުމުގައި އެންމެ މަތީ ފެންވަރު ހާސިލް ކުރުން،“ އުއްމަތަ ފަނޑިޔާރު ވިދާޅުވިއެވެ.
މީގެ އިތުރުން އުއްތަމަ ފަނޑިޔާރުގެ ވާހަކަފުޅުގައި، ޝަރުޢީ ދާއިރާގައި ޓެކްނޮލޮޖީ ބޭނުން ކުރުމުގެ މައްޗަށް އަލިއަޅުވާލައްވައި އެމަނިކުފާނު ވިދާޅުވީ، މި ޒަމާނުގައި ފަންނިޔާތުގެ ހުނަރަކީ ކޮންމެ މީހެއްގެ ގައިގައި ހުރުން މުހިންމު ހުނަރެއް ކަމަށެވެ.




