ރާއްޖޭގައި މުވާސަލާތީ ޚިދުމަތް ފޯރުކޮށްދޭ ކުންފުނި، އުރީދޫ މޯލްޑިވްސްގެ އާ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމަށް ފަލަސްޠީނުގެ ޝާދީ ޤަވަސްމީ މިއަދު އައްޔަންކޮށްފިއެވެ.
ޝާދީ ޤަވަސްމީ މި މަގާމަށް އައްޔަންކުރެއްވީ، މީގެ ކުރިން އެ މަގާމުގައި ހުންނެވި ޤަތަރުގެ ޚާލިދު ޙަސަން އަލް-ޙަމާދީގެ ދައުރު ހަމަވުމާ ގުޅިގެންނެވެ. ޚާލިދު އަލް-ޙަމާދީ އުރީދޫ މޯލްޑިވްސްގެ ސީއީއޯގެ މަގާމަށް އައްޔަންކުރެވުނީ ފެބްރުއަރީ 2، 2022 ގައެވެ.
އާ ސީއީއޯ ޝާދީ ޤަވަސްމީއަކީ އުރީދޫ ގްރޫޕުގައި މަސައްކަތްކުރައްވާތާ 10 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ، ތަޖުރިބާކާރު ބޭފުޅެކެވެ. އޭނާ ވަނީ 2015 އިން 2018 އަށް އުރީދޫ ފަލަސްޠީނުގެ މާކެޓިން ކޮމިއުނިކޭޝަންސް އަދި ޕަބްލިކް ރިލޭޝަންސް މެނޭޖަރުކަން ކުރައްވައި، 2018 އިން 2022 އަށް އެ ކުންފުނީގެ ސޭލްސް ޑިރެކްޓަރުކަން ކުރައްވައިފައެވެ. ރާއްޖޭގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން އޭނާ ހުންނެވީ އުރީދޫ ފަލަސްޠީނުގެ ޗީފް ކޮމާޝަލް އޮފިސަރުގެ މަގާމުގައެވެ.
ތައުލީމީ ދާއިރާއަށް ބަލާއިރު، ޤަވަސްމީ ވަނީ 2004 ވަނަ އަހަރު އެމެރިކާގެ ބްރިގްހަމް ޔަންގް ޔުނިވާސިޓީން އެޑްވަޓައިޒިން އަދި މާކެޓިން ކޮމިއުނިކޭޝަންސްގެ ދާއިރާއިން ބެޗެލާސް ޑިގްރީ ހާސިލްކުރައްވައިފައެވެ. އަދި 2008 ވަނަ އަހަރު ފަރަންސޭސިވިލާތުގެ އީޑީއެޗްއީސީ ބިޒްނަސް ސްކޫލުން މާކެޓިން މެނޭޖްމަންޓްގެ ދާއިރާއިން މާސްޓާސް ޑިގްރީ ފުރިހަމަކުރައްވާފައެވެ.
އުރީދޫ ފަލަސްޠީނުގައި މަސައްކަތްކުރެއްވި ދުވަސްވަރު ޤަވަސްމީ ވަނީ އެ ކުންފުނީގެ މާކެޓު ފުޅާކުރުމަށާއި، އާ ޓެކްނޮލޮޖީތައް ތައާރަފްކުރުމުގައި މުހިންމު ދައުރެއް އަދާކުރައްވާފައެވެ. އުރީދޫއާ ގުޅުމުގެ ކުރިން އޭނާ ވަނީ މެނޭޖްމަންޓް ކޮންސަލްޓިން، ބިޒްނަސް ޑިވެލޮޕްމަންޓް އަދި މާކެޓިން ކޮމިއުނިކޭޝަންސްގެ ދާއިރާއިން ގިނަ ތަޖުރިބާތަކެއް ހޯއްދަވާފައެވެ.
މި ބަދަލާ ގުޅިގެން އުރީދޫ މޯލްޑިވްސްއިން ވަނީ ކުރީގެ ސީއީއޯ ޚާލިދު އަލް-ޙަމާދީ ކޮށްދެއްވި އަގުހުރި ޚިދުމަތްތަކަށް ޝުކުރު އަދާކޮށްފައެވެ. ޚާލިދުގެ ދައުރުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ފޯރުކޮށްދޭ ކަސްޓަމާ ކެއާ އެސިސްޓަންޓް ”އެވީ“ އާއި އޮންލައިން މާކެޓްޕްލޭސް ”މޫލީ“ ތައާރަފްކޮށް، މާސްޓާކާޑް، ޓިކްޓޮކް، އަދި ވަޓްސްއަޕް ބިޒްނަސް ފަދަ ބައިނަލްއަގުވާމީ ކުންފުނިތަކާއެކު އޮތް ގުޅުން ވަނީ ހަރުދަނާކޮށްފައެވެ.
މީގެ އިތުރުން، މުޅި ރާއްޖެއަށް 4ޖީ+ ގެ ޚިދުމަތް ފޯރުކޮށްދިނުމާއި، އާބާދީގެ 80 އިންސައްތައަށް 5ޖީ ފުޅާކުރުމާއި، ”ޕީސް“ ސަބްމެރިން ކޭބަލް އަދި ޓިއާ-3 ފެންވަރުގެ ޑޭޓާ ސެންޓަރެއް ގާއިމުކުރުމަކީވެސް ޚާލިދުގެ ސީއީއޯކަމުގެ ދަށުން ހާސިލްކުރެވުނު މުހިންމު ކާމިޔާބީތަކެއްގެ ގޮތުގައި އުރީދޫން ފާހަގަކުރެއެވެ.
އުރީދޫއަކީ ޤަތަރުގެ ކުންފުންޏަކަށްވާއިރު، އެ ކުންފުނިން އަންނަނީ ދުނިޔޭގެ އެކި ގައުމުތަކުގައި ފުޅާ ދާއިރާއެއްގައި މުވާސަލާތީ ޚިދުމަތްތައް ފޯރުކޮށްދެމުންނެވެ.


