ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރަންސް ކުންފުނި، އެލައިޑް އިންޝުއަރަންސްގެ 41 ވަނަ އަހަރީ ދުވަސް ކުލަގަދަގޮތެއްގައި ފާހަގަކޮށްފިއެވެ. މި މުނާސަބަތުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، 2025 ވަނަ އަހަރު ކުންފުނިން ހޯދި ބޮޑެތި ކާމިޔާބީތަކާ ބެހޭ މަޢުލޫމާތު ހިއްސާކޮށް، 2026 ވަނަ އަހަރަށް ކަނޑައަޅާފައިވާ އައު ލަނޑުދަނޑިތައް ވަނީ އިޢުލާންކޮށްފައެވެ.
އެލައިޑްގެ ޚިދުމަތަށް 40 އަހަރު ފުރުނު 2025 ވަނަ އަހަރަކީ އެ ކުންފުންޏަށް ވަރަށް ކާމިޔާބު އަހަރެކެވެ. އެގޮތުން ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމަށް ހިންގި ”ޑައިވް 40“ އާއި، ”ރައްކާ“ މަގުމަތީގެ ސަލާމަތީ ކެމްޕޭންގެ އިތުރުން، މާލީ ހޭލުންތެރިކަމަށް އަމާޒުކޮށްގެން ބޭއްވި ”އެލައިޑް ފެސްޓް 2025“ އަދި ”އެލައިޑް ބައިސްކަލު ރޭސް“ ފަދަ މުޖުތަމަޢަށް ފައިދާހުރި ގިނަ ހަރަކާތްތަކެއް ވަނީ ހިންގާފައެވެ. އަދި އާމްދަނީގެ ގޮތުންނާއި މާކެޓް ހިއްސާގެ ގޮތުން ވެސް އެލައިޑުން ވަނީ 2025 ވަނަ އަހަރު ތާރީޚީ ކުރިއެރުމެއް ހޯދާފައެވެ.

ކުންފުނީގެ 41 ވަނަ އަހަރީ ދުވަހާ ގުޅިގެން މިއަދު ވަނީ އެލައިޑްގެ އަސްލު ނުގެއްލޭނޭހެން ކުންފުނީގެ ލޯގޯއަށް ބަދަލުތަކެއް ގެނެސް، އައު ލޯގޯ ދައްކާލާފައެވެ. މީގެ އިތުރުން، އިސްލާމިކް ވިންޑޯ ”އަޔާދީ ތަކާފުލް“ ގެ ނަން ”އެލައިޑް ތަކާފުލް“ އަށް ބަދަލުކޮށް، އެ ބައިގެ އައު ލޯގޯ ވެސް ވަނީ ރަސްމީކޮށް އިފްތިތާޙުކޮށްފައެވެ. އެލައިޑް ތަކާފުލް އަކީ ބައިނަލްއަގުވާމީ ފެންވަރުގައި ”އިފްސާ“ އަދި ”ޖިފާ“ ފަދަ ޝަރަފުވެރި އެވޯޑްތައް ހާސިލުކޮށްފައިވާ ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ ތަކާފުލް ޚިދުމަތެވެ.
މިއަދުގެ ރަސްމިއްޔާތުގެ އެންމެ މުހިންމު އެއް ކަމަކީ ”ރައްކާ 2026“ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ ކެމްޕޭން ކުރިއަށް ގެންދިއުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސާވިސްއާއެކު ފަހުމުނާމާއެއްގައި ސޮއިކުރުމެވެ. މި އެއްބަސްވުމުގައި އެލައިޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ޙުސައިން ލުވައިޒެވެ. ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަލްފާޟިލް އިސްމާޢީލް ނަވީނެވެ.
އަހަރީ ދުވަހާ ގުޅުވައިގެން އެލައިޑުން ވަނީ ”ކޮމްޕްރިހެންސިވް މޮޓޯ އިންޝުއަރަންސް“ ގެ ޚާއްޞަ ޕްރޮމޯޝަނެއް ވެސް ފަށާފައެވެ. މި ފެބްރުއަރީ މަހުގެ 1 އިން 15 އަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި، އޮންލައިންކޮށް ޕޮލިސީ ނަންގަވާ ފުރަތަމަ 41 ބޭފުޅުންނަށް 25 އިންސައްތައިގެ ޑިސްކައުންޓެއް ލިބިގެންދާނެއެވެ.
ކުރިއަށް އޮތް 2026 ވަނަ އަހަރަށް އެލައިޑުން ކަނޑައަޅާފައިވާ ލަނޑުދަނޑިތަކުގެ ތެރޭގައި، ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްޞަ ޕްލޭންތައް ތަޢާރަފުކުރުން ހިމެނެއެވެ. އަދި ބައިނަލްއަގުވާމީ ’އޭ-ރޭޓެޑް‘ ރީ-އިންޝުއަރަންސް ކުންފުނިތަކާއެކު މަސައްކަތްކޮށް، ކަސްޓަމަރުންނަށް އެންމެ އިތުބާރުހުރި ޚިދުމަތް ފޯރުކޮށްދިނުމުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން އެލައިޑުން ވަނީ ދީފައެވެ.




