ތިލަފުށި ވެމްކޯ ސައިޓްގައި މަސައްކަތް ކުރަމުން ދިޔަ ބަންގްލަދޭޝްގެ އަމީން މިއާގެ މަރުގެ މައްސަލައިގައި، އެ ހާދިސާ ހިނގިއިރު އެކްސްކެވޭޓަރު އޮޕަރޭޓުކުރަން އިން ފަރާތް ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 26 ވީ ހޯމަ ދުވަހުގައެވެ. އަމީން މިއާ ގެއްލިގެން ހޯދަމުން ދަނިކޮށް އޭނާގެ ހަށިގަނޑު ފެނިފައިވަނީ އޭގެ ދެ ދުވަސްފަހުން ކުނިތަކެއްގެ ތެރެއިންނެވެ.
އެކްސްކެވޭޓަރުގެ ދަތްގަނޑަކުން ޖެހިގެން އަމީން މިއާ ވެއްޓި، ގެއްލުމުން ވެސް އޭނާ ހޯދުމަށް ކަމާބެހޭ ފަރާތްތަކުން މަސައްކަތް ނުކުރި ކަމަށާއި އެކަމުގައި އިހުމާލުވިކަމަށް ބުނެ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ނުރުހުން ފާޅު ކުރަމުންނެވެ.
މިކަމާ ބެހޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، ތިލަފުށި ވެމްކޯ ސައިޓްގައި މަސައްކަތް ކުރަމުން ދިޔަ ބަންގްލަދޭޝްގެ އަމީން މިއާ ގެއްލިގެން ހޯދަމުންދަނިކޮށް ނިޔާވެފައި އޮއްވާ ފެނުނު މައްސަލައިގެ ތަހުގީގަށް މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އަމީން މިއާ މަރުވުމަށް މެދުވެރިވެފައިވަނީ 2026 ޖެނުއަރީ 26 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ކުނި ޖަމާކޮށްފައިވާ ސައިޓްގެ ބައެއްގައި އެކްސްކެވޭޓަރަކުން ކުނި ނެގުމުގެ މަސައްކަތްކުރަނިކޮށް، އޭގެ ދަތްގަނޑުން ޖެހި ވެއްޓި، އެކްސްކެވޭޓަރުން ކުނިތައް އެތަނުގެ ކައިރިން އެހެން ދިމާލަކަށް ބަދަލުކުރުމުގެ ތެރޭގައި އޭނާގެ ހަށިގަނޑާއެކު ކުނިތައް ބަދަލުކުރެވި އޭނާގެ ގައިމައްޗަށް ކުނިތަކެއް އެޅިގެން ހިނގި ހާދިސާއެއްގައި ކަމަށެވެ.
އެ ހާދިސާ ހިނގި ސަރަހައްދު ފެންނަ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، އެކްސްކެވޭޓަރުގެ ދަތްގަނޑުން އަމީން މިއާ ގައިގައި ޖެހުނު ނަމަވެސް މެދުކެނޑުމެއް ނެތި، މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން އެކްސްކެވޭޓަރު އޮޕަރޭޓްކުރި ފަރާތް ކޯޓު އަމުރެއްގެ ދަށުން މިހާރު ހައްޔަރުކޮށްފައިވާ ކަމަށާއި ހައްޔަރު ކޮށްފައިވަނީ 32 އަހަރުގެ ސްރީލަންކާގެ ރައްޔިތެއް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ، މި މައްސަލައިގެ ތަހުގީގަށް ކުރިއެރުން ލިބެމުންދާ މިންވަރަކުން ހާމަކުރެވެން ހުރި މައުލޫމާތު ހާމަކުރަމުންދާނެ ކަމަށެވެ.



