ދިވެހި އާއިލާއެއްގެ އެއްމާބަނޑު ތިން ކުދިން އިއްޔެ ނިޔާވެއްޖެއެވެ. އެ ތިން ކުދިންގެ ޖަނާޒާ އިއްޔެ ހަވީރު ހުޅުމާލޭ ސަހަރާ މިސްކިތުގައި ވަނީ ބާއްވާފައެވެ.
އެ ތިން ކުދިން ނިޔާވެފައިވަނީ އެ ކުދިންގެ މަންމަ ބަލިވެ އިންތާ ބަނޑަށް ފަސް މަހުގައިކަން އެނގިފައިވެއެވެ.
ދެކުނުގެ ރަށަކަށް ނިސްބަތްވާ އެ ދެމަފިރިންގެ އިތުރު ދަރިއަކު އަދި ނުހުންނަކަން ވެސް އެނގިފައިވެއެވެ.
އެ ތުއްތު ތިން ކުދިން ނިޔާވުމާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ އެކަމާ ހިތާމަފާޅުކޮށް، އާއިލާއަށް ހެޔޮ ދުޢާ ކޮށްފައެވެ. އަދި ގިނަ ބަޔަކު އެކަން ސިފަކޮށްފައިވަނީ ލިބުނު ކުއްލި ސިހުމެއްގެ ގޮތުގައިކަން ވެސް ފާހަގަވެއެވެ.
ހެލްތު މިނިސްޓްރީން މީގެކުރިން 2022 ގައި ބުނެފައިވަނީ ރާއްޖޭގައި ވެސް ދުވަސް ނުފުރާ ވިހާ ކުދިން އިތުރުވަމުން އަންނަ ކަމަށާއި ވިހެއުމުގެ ކުރިން ބަނޑުގައި ނިޔާވާ މައްސަލަތައް ވެސް މަދުން ނަމަވެސް އިތުރުވަމުން އަންނަ ކަމަށެވެ. އެފަދަ ކަންކަމުގައި އާއިލާއަށް ކުރިމަތިވާނެ ގޮންޖެހުންތައް ކުޑަކުރުމަށް އެހީވެދީ، ހޭލުންތެރިކަން އިތުރު ކުރުމަށް އެކި ޕްރޮގްރާމްތައް ކުރިއަށްގެންދާނެ ކަމަށް ވެސް ބުނެފައިވެއެވެ.


