އަވަށްޓެރި އިންޑިއާއިން ރާއްޖެއަށް އެހީގެ ގޮތުގައި 60 މިލިއަން ޑޮލަރު ދޭން ބަޖެޓުކޮށްފިއެވެ.
މިއަހަރާއި އަންނަ އަހަރަށް ލަފާކުރާ ބަޖެޓު އިންޑިއާއިން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅާފައިވާ އިރު ރާއްޖެއަށް އެހީގެ ގޮތުގައި 550 ކްރޯޑް އިންޑިއާ ރުޕީސް(60 މިލިއަން ޑޮލަރު) ދޭން ވަނީ އެ ބަޖެޓުގައި ހިމަނައިފައެވެ.
ނަމަވެސް މިއީ 2025-2026ގެ ބަޖެޓުން ރާއްޖެއިން ދިން އެހީއަށް ވުރެ ކުޑަ އަދަދެއްކަން ފާހަގަކުރެވެއެވެ. އެ މުއްދަތުގެ ތެރޭގައި 600 ކްރޯޑް ރުޕީސް ނުވަތަ (69 މިލިއަން ޑޮލަރު) ދޭން ކަނޑައެޅިއެވެ.
އިންޑިއާއިން ދެވަނައަށް އެންމެ ބޮޑު އެހީ ދޭ ގައުމަކީ އަދިވެސް ރާއްޖެ އެވެ. އެންމެ ބޮޑު އެހީއެއް އެ ޤައުމުން ދެނީ ބޫޓާނަށެވެ. އެއީ 250 މިލިއަން ޑޮލަރެވެ.
އިންޑިއާއިން ރާއްޖެއަށް ދޭ އެހީ ކޮންމެވެސް ވަރަަކަށް މަދުކުރި އިރު އެ ގައުމުގެ ފައިސާގެ އަގު މި ފަހުން ވަނީ ވެއްޓިފަ އެވެ. އަދި އެމެރިކާއިން އިންޑިއާއިން އެކްސްޕޯޓް ކުރާ މުދަލުން ނަގާ ޓެރިފްގެ އަދަދު ބޮޑުތަނުން ބޮޑުކުރުމާ ގުޅިގެން ވެސް އިންޑިއާގެ އިގުތިސާދަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފަ އެވެ.



