ނ. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޓަރމިނަލް ބޮޑުކުރުމުގެ މަސައްކަތަށް ބޭނުންވާ ސާމާނު ހަމަކޮށް، އަމަލީ މަސައްކަތްތައް ފެށުމަށް ތައްޔާރުވެއްޖެއެވެ.
ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްގެން މި މަސައްކަތް ކުރިއަށްގެންދާއިރު، މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ހިންގަމުން ދަނީ ޤައުމީ އެއަރލައިން، މޯލްޑިވިއަން ހިންގާ ކުންފުނި އައިލޭންޑް އެވިއޭޝަން ސާވިސަސްއިންނެވެ. މާފަރު އިންޓަރނޭޝަން އެއަރޕޯޓުގެ ޓަރމިނަލް ބޮޑުކުރުމުގެ މަސައްކަތް ޗައިނާ ކުންފުންޏާކާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައެވެ.
މާފަރު އެއާޕޯޓުގެ ޓާމިނަލް ބޮޑުކުރުމުގެ މަޝްރޫޢުގެ ދަށުން މިހާރުގެ އެ ޓަރމިނަލާ އިންވެގެން 2 ފަންގިފިލާގެ އިމާރާތެއް ތަރައްޤީ ކުރުމަށްވަނީ ހަމަޖެހިފައެވެ.
މި މަސައްކަތް ޢަމަލީގޮތުން ފެށުމަށް ބޭނުންވާ ސާމާނު ޗައިނާ ކުންފުނިން މާފަރަށް ގެންގޮސްފައިވާއިރު، މީހާރު ވަނީ އެކަމާ ގުޅޭ މަސައްކަތްތައް ސައިޓުގައި ފަށާފައެވެ. އެގޮތުން ބޭނުންވާ ހެވީ ވެހިކަލްތަކާއި ބަލްކް މުދާވެސް ވަނީ ގެނެސްފައެވެ.
ޓަރަމިނަލްގެ އައު އިމާރާތަކީ 6238 އަކަފޫޓުގެ ޖާގައިގެ އިމާރާތެކެވެ. އައު އިމާރާތާއެކު ޓަރމިނަލްގެ ޖާގަ 12476އަށް އިތުރުވެ، މުޅި ޕެސެންޖަރ ޓަރމިނަލްގެ ޖާގަ ދެގުނަ އިތުރުވާނެއެވެ.
ޗައިނާގެ ކުންފުންޏަކާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 3.6 މިލިއަން ޑޮލަރަށެވެ. އަދި މަސައްކަތް ހަވާލުކުރީ 10 މަސް ދުވަހުން ނިންމާ ގޮތަށެވެ.



