ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެކުގައި ބޭއްވުމާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ ވޯޓު ކުރިއަށް އޮތް ކައުންސިލް އިންތިޚާބާއެކު ބޭއްވުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ގަބޫލުކުރައްވާކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އުޝާމް މިހެން ވިދާޅުވީ ދެ އިންތިޚާބު އެކުގައި ބޭއްވުމަށް ޤާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި މިއަދު ވާހަކަފުޅުދައްކަވަމުންނެވެ.
އެގޮތުން އުޝާމް ވިދާޅުވީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމުން ރައޔްިތުންނަށް ގިނަ ފައިދާތަކެއް އެބަހުރި ކަމަށެވެ. އަދި މި ބިލަކީ ސަރުކާރުން ގިނަ މަޝްވަރާތަކާއެކުގައި ހުށަހެޅި ބިލެއް ކަމަށާއި އެފަދަ ވޯޓެއް ނެގުމަށް ގާނޫނީ ހުރަހެއް ނެތް ކަމަށް ވެސް ވިދާޅުވިއެވެ.
ރައްޔިތުންގެ ޚިޔާލުހޯދުމަށް ނަގާ ވޯޓާ ގުޅޭ ޤާނޫނުގައި ބަޔާންކޮށްފައިވާގޮތަށް މަދުވެގެން 45 ދުވަހުގެ މުއްދަތެއް ވޯޓު ނެގުމަށް އިލެކްޝަންސް ކޮމިޝަނަށް ދޭންޖެހޭކަން ފާހަގަކުރައްވައި ބަންޑާރަނައިބު ވިދާޅުވީ އެއީ އެފަދަ އިންތިޚާބެއް ބާއްވަން އެކަށީގެންވާ މުއްދަތެއް ކަމަށެވެ. އަދި ޚަރަދުތަކަށް ބަލާއިރު އެންމެ ރަނގަޅު ގޮތަކީ ޤާނޫނުން ދޭން ޖެހޭ މުއްދަތު ދިނުމަށްފަހު ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބާއެކު، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބޭއްވުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުން ކަމަށްވެސް ބަންޑާރަނައިބު އުޝާމް ވިދާޅުވިއެވެ.



