ހިޔާ ފްލެޓުގެ 5ވަނަ ޓަވަރުގައި މިދިޔަ ހުކުރު ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުންވި ފާޚާނާ ހޮޅިތައް ހަފްތާއެއްގެ ތެރޭގައި މަރާމާތުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް ހައުސިންގ ޑިވެލޮޕްމަަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
އަލިފާނުގެ އެ ހާދިސާގައި ހިޔާ 5ވަނަ ޓަވަރުގެ 38 އެޕާޓްމަންޓުގެ ނަރުދަމާ ހޮޅިތަކަށް ވަނީ ގެއްލުންވެފައެވެ. އަދި އަލިފާން ރޯވުމުގެ ސަބަބުން ވައިގޮޅި ތެރޭގައި ހުރި އޭސީ ޔުނިޓުތަކަށްވެސް ގެއްލުންވެފައިވެއެވެ. މި މައްސަލަތައް ހައްލުކުރުމަށް ކަމާ ގުޅޭ އިދާރާތަކުން މިހާރު ދަނީ މަސައްކަތްކުރަމުންނެވެ.
މިކަމާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެމުން އެޗްޑީސީން ބުނީ ވައިގޮޅީގައި ހުރި އޭސީ ޔުނިޓުތައް ނަގާ ސާފުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އަދި މި ހާދިސާއަށްފަހު ހޮޅިތަކަށް ލިބުނު ގެއްލުން ދެނެގަނެ މަރާމާތު ކުރުމުގެ މަސައްކަތްވެސް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް އެކުންފުނިން ބުންޏެވެ.
މީގެ އިތުރުން، މައި ހޮޅި މަރާމާތުކުރަމުންދާ ވަގުތުތަކުގައި ފާހާނަ ބޭނުން ނުކުރެވުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް އެޗްޑީސީން ވަނީ މައާފަށް އެދިފައެވެ. އަދި މި މަސައްކަތްތައް ހަފްތާއެއްގެ ތެރޭގައި ނިންމާލުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް އެ ކޮމިޝަނުން މައުލޫމާތުދެއެވެ.




