ތެދެކެވެ. ދިރިއުޅުމުގައި މީހަކަށް ކުރިމަތިވެފައިވާ ކަންކަން ހަގީގަތުގައި އިހުސާސް ކުރެވޭނީ އެމީހަކާ ބެހޭގޮތުން އަމިއްލަ ވާހަކަތަކެއް އެނގުމުންނެވެ. ނުވަތަ އެހެން ގޮތަކަށް ބުނާނަމަ، އެމީހެއްގެ ދިރިއުޅުމަށް ކޮންމެވެސް ވަރަކަށް ނަޒަރު ހިންގާލުމުންނެވެ. މީހަކު ހުންނަ ގޮތަކަށް ބަލާލާފައި އެމީހަކާ ބެހޭގޮތުން މާބޮޑު އެއްޗެއް ނޭނގިދާނެއެވެ. އެފަދަ މައުލޫމާތު އެނގުމަށްޓަކައި ފުރަތަމަ އެމީހަކު އެނގުން މުހިންމެވެ.
އެފަދައިން ދާދިފަހުން ގިނަ ބަޔަކު ހައިރާން ކުރުވަނިވި ވާހަކަތަކެއް ހާމަވެފައިވަނީ، ރާއްޖޭގެ މަޝްހޫރު ޝެފް އަދި ވިޒިޓް މޯލްޑިވްސްގެ ބޯޑް ޑައިރެކްޓަރު މަހާ ނަސީރުގެ ދިރިއުޅުމާ ބެހޭގޮތުންނެވެ.
ޓީވީއެމް އިން ގެނެސްދިން ”އަމިއްލަ އިބާރާތުން“ ޕްރޮގްރާމްގައި ބައިވެރިވެ މަހާ ވަނީ، އޭނާގެ ކާމިޔާބީގެ ފަހަތުގައިވާ ކަރުނުން ފުރިފައިވާ ދަތުރު ފުރަތަމަ ފަހަރަށް އާންމުންނާ ހިއްސާކޮށްފައެވެ. މަހާގެ މި ވާހަކަތަކަކީ ހަމައެކަނި ކާމިޔާބީގެ ވާހަކައެއް ނޫނެވެ. އެއީ އަނިޔާވެރިކަމާއި، ފުރައްސާރައާއި، ނަފްސާނީ ބަލިމަޑުކަމުގެ ތެރެއިން އުންމީދުގެ ހުޅުކޮޅު ރޯކުރި ހިތްވަރުގަދަ އަންހެނެއްގެ ވާހަކައެވެ. އޭނާއަކީ އެފަދަ ދިރިހުރި މިސާލެކެވެ.
މަހާ ކިޔައިދިން ގޮތުގައި، އޭނާގެ ކާމިޔާބީގެ ދަތުރު ފެށުނީ ވަރަށް ތުއްތު އުމުރުގައި ތަހައްމަލް ކުރަންޖެހުނު ހިތްދަތި ތަޖުރިބާއަކުންނެވެ. އާއިލާގެ ގާތްތިމާގެ ކުއްޖެއްގެ ފަރާތުން ޖިންސީ ފުރައްސާރަ ކުރިމަތިވިއިރު، އޭނާއަކީ އެއްވެސް އެއްޗެއް ދެނެގަންނަން ނޭނގޭހާ ތުއްތު ކުއްޖެކެވެ. ވަމުންދަނީ ކިހާ ވަރެއްގެ ކަންތައްތަކެއްކަން އެއިރަކު އޭނާއަކަށް ނޭނގެއެވެ. ނަމަވެސް މަހާ ވަނީ މިފަދަ ކަންކަން އާއިލާގެ ތެރޭގައި ފޮރުވުމުގެ ބަދަލުގައި، ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްކުރުމަށް މުޅި މުޖުތަމައަށް އިލްތިމާސްކޮށްފައެވެ.
ތުއްތު އުމުރުގެ އިތުރުން މަހާއަށް ސްކޫލް ދައުރުގައިވެސް ކުރިމަތިވީ ހިތްދަތި ދުވަސްތަކެކެވެ. އަމީނިއްޔާ ސްކޫލްގައި އުޅުނުއިރު، އެކުގައި އުޅުނު އެކުވެރިންގެ ފަރާތުން ހަނގާގެ ޝިކާރައަކަށްވެ، ނަފްސާނީ ގޮތުން ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓުނެވެ. މިކަމުގެ ސަބަބުން ސްކޫލުން ވަކިވާން މަޖުބޫރުވި ނަމަވެސް، މަހާގެ އަޒުމަކަށް ބަދަލެއް ނައެވެ. އޭނާ އަމިއްލައަށް މަސައްކަތްކޮށްގެން އޯލެވެލް ނިންމައި، ވިލާ ހޮޓެލްސްގެ ރިސެޕްޝަނިސްޓެއްގެ ގޮތުގައި ވަޒީފާގެ މައިދާނަށް ނުކުތެވެ.
އަމިއްލަ ޒާތީ ދިރިއުޅުމަށް ބަލާއިރު، މަހާ ވަނީ ކުރި ދެ ކައިވެންޏެއް ރޫޅި، ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާފައެވެ. ވިޔަފާރީގެ ބައިވެރިންގެ އޮޅުވާލުންތަކާއި، ”ޑޮމެސްޓިކް ވަޔަލަންސް“ ނުވަތަ ގެވެށި އަނިޔާގެ ޝިކާރައަކަށް ވެސް އޭނާ ވިއެވެ. މި ހުރިހާ ތަކުލީފުތަކެއްގެ ތެރެއިން އޭނާ ވަރަށް ބޮޑަށް ނަފްސާނީ ބަލިމަޑުކަމެއްގެ ތެރެއަށް ވެއްޓި، އަމިއްލަ ނަފްސަށް ގެއްލުންދޭންވެސް މަސައްކަތް ކުރި ހާލަތަށް ވެއްޓުނެވެ. ނަމަވެސް، އޭނާގެ ހަތަރު ދަރިންނަށްޓަކައި އެ ހުރިހާ ކަމަކުން އަރައިގަތުމަށް މަހާ އަޒުމް ކަނޑައެޅިއެވެ.
”އަޅުގަނޑު މިއަދު މިއީ ސެލްފް-މޭޑް ޝެފެއް. ކޮންމެ ފަހަރަކު ވެއްޓޭ ހިނދު ޒީރޯއިން ފަށައިގެން ތެދުވުން އެއީ އަޅުގަނޑުގެ ކާމިޔާބީ“ މަހާ ފަޚުރުވެރިކަމާއެކު ބުންޏެވެ.

މަހާ ނަސީރަކީ މިއަދު ރާއްޖޭގެ ފުރަތަމަ ”މާސްޓާ ޝެފް“ ލަގަބު ހޯދި ފަރާތެވެ. އަދި ވޯލްޑް ޝެފްސްގެ ސާޓިފައިޑް ޖަޖެއްވެސް މެއެވެ. އޭނާގެ މި ދަތުރުގައި މަންމައާއި ބައްޕަގެ ފަރާތުން ލިބުނު އެހީތެރިކަން ފާހަގަކުރަމުން މަހާ ބުނީ، އޭނާގެ މިއަދުގެ މި މަގާމަކީ އެތައް އަހަރެއްގެ ބުރަ މަސައްކަތާއި، ކެތްތެރިކަމުގެ ނަތީޖާ ކަމަށެވެ.
މަހާގެ ވާހަކަތައް ނިންމާލަމުން އުންމީދު ކުރީ އޭނާގެ މާޒީގެ މި ހިތްދަތި ސަފުހާތަކުން މިއަދުގެ ޒުވާނުންނަށާއި، އަނިޔާ ލިބެމުންދާ ފަރާތްތަކަށް ހިތްވަރެއް ލިބިގެންދާނެ ކަމަށެވެ. އެއީ އޭނާ ކުރާ ފޮނި އުންމީދެކެވެ. އަދި ކިތަންމެ ބޮޑު ތަކުލީފެއް ކުރިމަތިވި ނަމަވެސް، ހިތްވަރާއެކު ތެދުވެއްޖެނަމަ ކާމިޔާބީގެ އައްސޭރިއަށް ވާސިލުވެވޭނެކަން އޭނާ ވަނީ ސާބިތުކޮށްދީފައެވެ.



