މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިންތިޒާމުކޮށްގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ ”ވީއައިއޭ ބްލަޑް ޑޮނޭޝަން ކޭމްޕް 2026“ ކާމިޔާބުކަމާއެކު މިއަދު ނިންމާލައިފިއެވެ.
އެމްއޭސީއެލްގެ މުވައްޒަފުންނާއި، އެއާޕޯޓުގައި މަސައްކަތްކުރާ އެކި މުއައްސަސާތަކުގެ މުވައްޒަފުންނަށް ވެސް ބައިވެރިވެވެވޭގޮތަށް ކުރިއަށް ގެންދިޔަ ލޭ ހަދިޔާކުރުމުގެ މި ޕްރޮގްރާމަށް މުވައްޒަފުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައިވާކަން އެ ކުންފުނިން ފާހަގަ ކުރިއެވެ.
މި ޕްރޮގްރާމަކީ އެމްއޭސީއެލް ގެ އިޖްތިމާއީޒިންމާގެ ދަށުން ކުރިއަށްގެންދެވުނު ހަރަކާތެކެވެ.
މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް) އާ ގުޅިގެން ކުރިއަށްގެންދިޔަ މި ކޭމްޕުގެ މަގުސަދަކީ ލޭ ލިބުން ދަތިވެ އެމްބީއެސް އިން އާންމުންގެ އެހީތެރިކަމަށް އެދިފައިވުމާއި މީގެއިތުރުން ކޮންމެ އަހަރެއްގެވެސް ރޯދަމަހު ލޭ ލިބުން ދަތިވާތީ އެކަމަށް އެހީތެރިވުން ކަމުގައި އެމްއޭސީއެލް އިން ފާހަގަކުރިއެވެ.
އެ ކުންފުނީގެ އިޖްތިމާއީޒިންމާގެ ދަށުން ކޮންމެ އަހަރަކުވެސް ލޭ ހަދިޔާކުރުމުގެ ހަރަކާތް އެމްއޭސީއެލް އިން ކުރިއަށް ގެންދެއެވެ.




