ވޯކް ޕާމިޓާއި ޚިލާފަށް ރާއްޖޭގައި ވިޔަފާރިކުރުމާއި، ރާއްޖޭގައި މަސައްކަތް ކުރުމަށް ވޯކް ޕާމިޓް ހޯދައިދޭނެ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާދި ކަމުގެ ތުހުމަތުގައި ބަންދުކުރި ހަ މީހުންގެ ތެރެއިން އަކަކުގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުން މިއަދު ނެރެފައިވާ ކޯޓު އަމުރުގައި ވަނީ ލައިސެންސް ނުނަގައި ވިޔަފާރިކުރުން ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ، މުޙައްމަދު އިމޮން ކަޒި، އިތުރު 15 ދުވަހުގެ މުއްދަތަށް ބަންދުކޮށްފައިވާ ކަމަށެވެ.
ކޯޓުން ކޮށްފައިވާ އަމުރުގައިވާގޮތުން އިމޮން ބަންދުގައި ބަހައްޓަން ނިންމާފައި ވަނީ ތުހުމަތުވާ ކުށް އޭނާ ކުރިކަމަށް ބެލެވޭ މިންވަރަށް ހެކި ލިބިފައި ވާތީއެވެ. އެގޮތުން ފުލުހުންގެ ބަޔާނާއި އިންޓެލިޖެންސް ރިޕޯޓުގެ އިތުރުން، ބޭންކް ސްޓޭޓްމެންޓް ހުށަހަޅާފައި ވާކަމަށް ކޯޓުން ވަނީ ބުނެފައެވެ.
މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ފުލުހުން ހާމަކޮށްފައި ވާގޮތުގައި އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝަށް ނިސްބަތްވާ ހަ މީހެކެވެ. އެ މީހުންނަކީ:
° މުޙައްމަދު އިމޮން ކަޒި (32 އ.)
° އަފްޖަލް ހޮސައިން (31 އ.)
° ޙަބީބުއްރަޙްމާން (35 އ.)
° މުޙައްމަދު ހަނީފް ބަޕަރީ (46 އ.)
° ކަޒި ރައިހާން (22 އ.)
° މުޙައްމަދު ޔޫސުފް ޕޮރަދަން (35 އ.)


