ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ތ. ވިލުފުށީ ކައުންސިލާއި އެ ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ގިނަ ގޮނޑިތަކެއް، ވޯޓަކާ ނުލައި ސަރުކާރު ހިންގާ ޕީޕަލް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކާމިޔާބުކޮށްފިއެވެ.
ވިލުފުށީގެ ތަރައްގީއަށް މުހިންމު މި އިންތިޚާބުގައި އެ ރަށުން ހޮވަންޖެހޭ ޖުމްލަ 10 ގޮނޑީގެ ތެރެއިން 8 ގޮނޑި މިހާރު ވަނީ ޕީއެންސީއަށް ކަށަވަރުވެފައެވެ. މި ގޮނޑިތަކަށް އެ ޕާޓީގެ ކެންޑިޑޭޓުން އިންތިޚާބުވީ، އެ މަގާމުތަކަށް އެހެން އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވުމުންނެވެ.
އިންތިޚާބަކާ ނުލައި ޕީއެންސީއަށް ކަށަވަރުވެފައިވަނީ ކައުންސިލްގެ ހަތަރު މެންބަރުކަމުގެ ގޮނޑިއާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ހަތަރު މެންބަރުކަމުގެ ގޮނޑިއެވެ. ނަމަވެސް، ކައުންސިލްގެ ރައީސްގެ މަގާމަށާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާގެ މަގާމަށް ޕީއެންސީގެ އިތުރުން އަމިއްލަ ގޮތުން ކެންޑިޑޭޓުން ވާދަކުރާތީ، އެ ދެ މަގާމަށް މެންބަރުން ހޮވުމަށް ވޯޓުލުން ކުރިއަށްދާނެއެވެ.
މި ބޮޑު ކާމިޔާބީއާ ގުޅިގެން ވިލުފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ހަސަން ވަހީދު ”ސައުވީސް“ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިއީ އެ ރަށުގެ ސިޔާސީ މަސްރަހަށް އައި ބޮޑު ބަދަލެއް ކަމަށެވެ. މީގެ ކުރިން އިދިކޮޅު އެމްޑީޕީގެ ވަރުގަދަ ބާރެއް އޮތް ވިލުފުށީގައި މިފަހަރު އެ ޕާޓީން ކެންޑިޑޭޓުން ނުނެރެން ނިންމީ، ރަށުގެ ތަރައްގީއަށް ހުރަސްއަޅަން ރައްޔިތުން ބޭނުން ނުވާތީ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.



