ގދ. ފިޔޯރީގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ، ދަޅުގައި މަސް ބަންދުކުރާ ކާރުޚާނާގެ ބިން ހިއްކުމާއި ބަނދަރު ހެދުމުގެ ޢަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފް ރަސްމީކޮށް ފަށްޓަވައިދެއްވައިފިއެވެ.
މިކަމަށްޓަކައި ފިޔޯރީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ނައިބު ރައީސްގެ އަރިހުގައި މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމްއާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ.
ފިޔޯރީގައި ތަރައްޤީކުރާ މި ކާރުޚާނާގެ މަޝްރޫޢުގެ ދަށުން 6.5 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. ސޭން ޕްރައިވެޓު ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަސައްކަތުގެ ފުރަތަމަ ފިޔަވަޅަކީ ބިން ހިއްކުމާއި ބަނދަރު ތަރައްޤީކުރުމެވެ. މަސްވެރިކަމާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާ ގޮތުގައި، މި ފިޔަވަހީގެ މަސައްކަތްތައް 420 ދުވަހުގެ ތެރޭގައި ނިންމާލެވޭނެއެވެ.
މި މަޝްރޫޢަށް ގެނެވުނު ބަދަލުތަކާއެކު، ކުރިން ގާއިމުކުރުމަށް ނިންމާފައިވާ 1500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖްގެ ބަދަލުގައި މިހާރު ވަނީ 3000 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ހެދުމަށް ނިންމާފައެވެ. މީގެ އިތުރުން ދުވާލަކު 100 ޓަނުގެ މަސް ދަޅުގައި ބަންދުކުރެވޭ ކާރުޚާނާއަކާއި، ދުވާލަކު 100 ޓަނުގެ މަސްކުނޑި އުފެއްދޭނެ ފިޝްމީލް ޕްލާންޓެއްވެސް މި މަޝްރޫޢުގެ ދަށުން ގާއިމުކުރެވޭނެއެވެ.
މި މަސައްކަތް ކުރުމަށްޓަކައި ޗައިނާގެ ކުންފުންޏަކާއެކު އީޕީސީ ކޮންޓްރެކްޓެއްގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގައެވެ. މި މަޝްރޫޢުތައް ނިމުމުން ރާއްޖޭގައި އަހަރަކު 81 ހާސް ޓަނުގެ މަސް، ދަޅާއި ޕައުޗްގައި ބަންދުކުރެވޭނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ. މިއީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް އަމިއްލަ ފައިމައްޗަށް ތެދުވުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި މަސްވެރިކަމާ ބެހޭ ވުޒާރާއިން ފާހަގަކުރެއެވެ.



