ޖަލުގައި ގައިދީންނަށް އަނިޔާއެއް ނުކުރާނެ ކަމަށާއި އެއީ އަބަދުވެސް ވަރަށް ހަރުކަށިކޮށް ބަލަމުން އަންނަ މައްސަލައެއް ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސުން މިއަދު ބުނެފިއެވެ.
ކަރެކްޝަންސް އިން މިހެން ބުނެފައިމިވަނީ، ހުޅުމާލޭ ޖަލުގައި ދިގު ހުކުމެއް ތަންފީޒުކުރަމުން ދިޔަ ސ. ހިތަދޫ، ދިއްގާގަސްދޮށުގޭ / ހަސަން ނިޔާޒް އިއްޔެ ނިޔާވި މައްސަލައާ ގުޅިގެން، އޭނާ ނިޔާވީ ކަރެކްޝަންސްއިން އޭނާއަށް އަނިޔާކޮށްގެން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކާ ގުޅިގެންނެވެ.
ކަރެކްޝަންސް އިން ބުނީ އިއްޔެ މެންދުރު ފަހު ނިޔާޒަށް ކުއްލި މެޑިކަލް އިމަޖެންސީއެއް ދިމާވެ، ހުޅުމާލޭ ހޮސްޕިޓަލަށް އަވަސް ފަރުވާއަށް މެންދުރު 1:30 ގައި ގެންދިޔަ ކަމަަށެވެ. އަދި 2:05 ގައި އޭނާ ނިޔާވި ކަމަށް ޑޮކްޓަރުން އަންގާފައިވާ ކަމަށް ވެސް އެ ސާވިސުން ބުންޏެވެ. އެނގިފައިވާ ގޮތުގައި ނިޔާޒު ނިޔާވީ ނިއުމޯނިއާ ޖެހިގެން، ފަރުވާ ހޯދަމުން ދަނިކޮށެވެ.
އުމުރުން 45 އަހަރުގެ ނިޔާޒަކީ މިދިޔަ ބުރާސްފަތި ދުވަހު 25 އަހަރުގެ ޖަލު ހުކުމެއް އިއްވި މީހެކެވެ. އެ ހުކުމްކޮށްފައި ވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ މައްސަލައިގަ އެެވެ.
އޭނާގެ ކަރާއި މޭމައްޗަށް ”އަނިޔާތަކެއް“ ލިބިފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ތުހުމަތު ކޮށްފައި ވަނީ އޭނާ އަށް ޖަލުގައި އަނިޔާކޮށްފައިވާ ކަމަށެވެ.
އެ ތުހުމަތުތަކާ ގުޅިގެން ކަރެކްޝަންސް އިން ބުނީ ޕްރިޒަން ސިސްޓަމްގެ ތެރެއިން އެއްވެސް ގައިދީއަކަށް އަނިޔާއެއް ނުކުރާނެ ކަމަށެވެ. އެއީ ވަރަށް ހަރުކަށިކޮށް ބަލަމުން އަންނަ ކަމެއް ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.




