ޒަކާތުގެ ފައިސާއިން ފޯރުކޮށްދޭ އެހީގެ ޕްރޮގްރާމްތައް މިހާރަށްވުރެ ހަރުދަނާކޮށް، ލުއިފަސޭހަކަމާ އެކު އަދި އެހީ ލިބޭ ފަރާތްތަކުގެ ކަރާމާތް ހިފެހެއްޓޭނެ ފަދަ ނިޒާމެއްގެ ދަށުން ފޯރުކޮށްދިނުމަށް ޓަކައި، މޯލްޑިވްސް ޒަކާތު ހައުސްއިން ”ޒަކާތު އަސްނާފު ކާޑު“ ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ކާޑު އިފްތިތާޙުކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.
އަސްނާފު ކާޑަކީ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އަމާޒުކޮށްގެން ތައާރަފުކުރި ކާޑެކެވެ. މިއީ ޒަކާތު ހައުސްގެ ޚިދުމަތްތައް ޒަމާނީކޮށް ޑިޖިޓަލައިޒްކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއް ކަމުގައި އެ މިނިސްޓްރީން ބުންޏެވެ.
މި ކާޑުގެ އެހީގައި، އެހީއަށް ޝަރުތުހަމަވާ ފަރާތްތަކަށް ޒަކާތު ހައުސްއިން ފޯރުކޮށްދޭ ތަފާތު ޚިދުމަތްތަކާއި، ކުރިއަށް އޮތް ތަނުގައި ތައާރަފުކުރުމަށް ރޭވިފައިވާ އިތުރު ޕްރޮގްރާމްތައް ފަސޭހަކަމާ އެކު ހޯދޭނެއެވެ.
މި ކާޑާ އެކު، އެހީއަށް އެދި ހުށަހަޅާ އިރު ކޮންމެ ފަހަރަކު އަސާސީ ލިޔެކިޔުންތައް ހުށަހަޅަން ޖެހޭޖެހުން ނިމުމަކަށް އަންނާނެއެވެ. އޭގެ ބަދަލުގައި، އަސްނާފު ކާޑު ބޭނުންކޮށްގެން އެންމެ ސްކޭނަކުން ވަގުތުން ޚިދުމަތް ހޯދޭނެއެވެ. މީގެ ސަބަބުން އިދާރީ މަސައްކަތްތަކާއި ޚިދުމަތް އަވަސްވެ، ޚިދުމަތް ހޯދާ ފަރާތްތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.



