ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވާ ޖެފްރީ އެޕްސްޓީންގެ މައްސަލާގައި އަލަށް އާންމުވި ލިޔެކިޔުންތަކުން، މުސްލިމުންގެ އެންމެ މުގައްދަސް ބިނާ ކަމަށްވާ ކައުބަތުﷲ ގެފުޅުގެ އުރަކޮޅުގެ ބައެއް އޭނާއަށް ހަދިޔާކޮށްފައިވާކަން ހާމަވެއްޖެއެވެ.
އާންމުވެފައިވާ އީމެއިލްތަކުން އެނގޭ ގޮތުގައި، 2017 ވަނަ އަހަރުގެ ކުރީކޮޅު ޔޫއޭއީގައި ހަރަކާތްތެރިވާ ސައުދީ ވިޔަފާރިވެރިއެއް ކަމަށްވާ އަޒީޒާ އަލް-އަހުމަދީ ވަނީ ކިސްވާ ނުވަތަ ގެފުޅުގެ އުރަކޮޅާ ގުޅުންހުރި ތިން ފޮތިގަނޑެއް އެޕްސްޓީންއަށް ފޮނުވުމުގެ ކަންކަން އިންތިޒާމުކޮށްފައެވެ. ސައުދީ އަރަބިއްޔާއިން ފްލޮރިޑާއަށް މި ތަކެތި ފޮނުވާފައިވަނީ ވައިގެ މަގުން، ކަސްޓަމްސްގެ ލިޔެކިޔުންތަކުގައި ”އާޓްވޯކް“ ނުވަތަ ފަންނީ އުފެއްދުމެއްގެ ގޮތުގައި ސިފަކޮށްފައެވެ.
މި ޝިޕްމަންޓުގައި ހިމެނެނީ ގެފުޅުގެ އެތެރޭގައި ހުރި ފޮއްޗަކާއި، ބޭރު އުރަކޮޅުން ބޭނުންކޮށްފައިވާ ބައެއްގެ އިތުރުން، އުރަކޮޅު ތައްޔާރުކުރާ ސާމާނުން ހަދާފައިވާ ނަމަވެސް ބޭނުންނުކުރާ ފޮތިގަނޑެކެވެ. އަޒީޒާ ފޮނުވި އީމެއިލެއްގައި ބުނެފައިވަނީ، މިއީ އެތައް މިލިއަން މުސްލިމުންނެއްގެ އުންމީދުތަކާއި ދުއާތަކާ ގުޅިފައިވާ، މުސްލިމުން ބީހި އުޅޭ މުގައްދަސް އެއްޗެއް ކަމަށެވެ. މި ތަކެތި އެޕްސްޓީންއަށް ލިބިފައިވަނީ އޭނާ ޖިންސީ ކުށްވެރިއެއްގެ ގޮތުގައި ރަޖިސްޓްރީވެ، ޖަލު ހުކުމެއް ތަންފީޒުކޮށްފައި ވަނިކޮށް 2017 ވަނަ އަހަރުގެ މާރިޗު މަހުގައެވެ.
މީގެ އިތުރުން، އެޕްސްޓީންގެ އަމިއްލަ ރަށަށް 2017 ވަނަ އަހަރު ކުރިމަތިވި ތޫފާނަށްފަހު، އަޒީޒާ އޭނާގެ ހާލު ބަލައި އީމެއިލްތައް ފޮނުވާފައިވެއެވެ. އެ ރަށަކީ އެޕްސްޓީންގެ ޖިންސީ ވަގުފާރި ހިންގުމަށް ބޭނުންކުރި މައި މަރުކަޒެވެ. އަދި އެޕްސްޓީންގެ އެހީތެރިއަކު އަޒީޒާއަށް ޑީއެންއޭ ޓެސްޓު ކިޓެއް ފޮނުވާފައިވާކަން ވެސް މި ފައިލްތަކުން ހާމަވެއެވެ.
ހަމައެއާއެކު، އެމެރިކާގެ އެފްބީއައިއިން އާންމުކުރި މެމޯއެއްގައި ބުނެފައިވަނީ، އެޕްސްޓީންއަކީ އިސްރާއީލުގެ ޖާސޫސީ އިދާރާތަކާ ގުޅުން އޮތް މީހެއް ކަމަށެވެ. އަދި އޭނާ އަކީ އިސްރާއީލުގެ ކުރީގެ ބޮޑުވަޒީރު އެހޫދު ބަރާކާގެ ގާތް މީހެއް ކަމަށާއި، ބަރާކްގެ ދަށުން އޭނާ ޖާސޫސީ ތަމްރީނުތައް ހޯދާފައިވާ ކަމަށްވެސް އެ ލިޔުމުގައި ފާހަގަކޮށްފައިވެއެވެ. މިއީ އެޕްސްޓީންގެ މައްސަލައިގައި އިސްރާއީލުގެ ނުފޫޒު އޮތް މިންވަރު ހާމަވާ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.




